މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ސެސަމީ ކްރަސްޓަޑް ސިއާޑް ޓޫނާ ވިތު ވަސަބީ ސޮއި ރެސިޕީއެވެ.

250ގ ކަނޑުމަސް

1 ބިސް

2މޭޒުމަތީސަމުސާ ލުނބޯހުތް

1ސައިސަމުސާ ލޮނު

1މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 ޖޯޑު ސެސަމީ ސީޑްސް

1ޖޯޑު ސޮއި ސޯސް

1މޭޒުމަތީސަމުސާ ވަސަބީ ޕޭސްޓު

ކަނޑުމަސްކޮޅު ލުނބޯ ހުތް ފިތާލުމަށްފަހު ލޮނާއި އަސޭމިރުސް ހާކާލުމަށްފަހު މެރިނޭޓުކޮށްލާށެވެ. ތައްޓަކަށް ސެސަމީ ސީޑުތައް އަޅައިލާށެވެ. މެރިނޭޓު ކުރި މަސްކޮޅު ވަކިން ތައްޓެއްގައި ބާއްވައިލުމަށްފަހު ބިހުގެ ލޮނދި އޭގެ މައްޗަށް އަޅާލާށެވެ. އެއަށްފަހު ސެސަމީސީޑު އަޅާފައި ހުރި ތަށީތެރޭގައި މަސްކޮޅު މަތިން ސެސަމީތައް ހަރުލާވަރަށް، ހާކާލާށެވެ. ތަވައެއްގައި 1 މޭޒުމަތީސަމުސާ ތެޔޮ ހޫނުކުރުމަށްފަހު މަސްކޮޅު ފިހެލާށެވެ. މަސްކޮޅުގެ މަތިން ހަރުލާފައި ހުރި ސެސަމީސީޑުކޮޅު މުށިކުލައެއް އަރަންދެން ގާތްގަނޑަކަށް މިނިޓެއް ވަންދެން ފިހެލަންވާނެއެވެ. އަނެއްކާވެސް ފުށުން ޖެހުމަށްފަހު މަސްކޮޅު މިނިޓެއްވަންދެން ފިހެލާށެވެ. ވަކިން ތައްޓެއްގައި މިކްސްޑްލީވްސްކޮޅެއް މައްޗަށް ވަސަބީ ސޮއި ސޯސް އަޅައިލުމަށްފަހު ކުޑަކޮށް އެއްކޮށްލާށެވެ. އަދި ތައްޓެއްގައި މި ފަތްތައް ރީތިކޮށް ފަތުރާލުމަށްފަހު ފިހެވުނު މަސްކޮޅު އޭގެ މަތީގައި ބާއްވާލައި މަސްކޮޅު ފޮތިކޮށްލާށެވެ. އެންމެ ފަހުން ބާކީ ހުރި ވަސަބީ ސޮއި ސޯސް އަޅައިލުމަށްފަހު ކެއުމަށް ބޭނުންކުރައްވާށެވެ.