މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.
ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރު ކޮށްދެނީ އެ ރެސްޓޯރެންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައި ވަނީ ކްރީމީ ބޭކެޑް މެކް އެންޑް ޗީޒް ރެސިޕީއެވެ.
2 ޖޯޑު މެކަރޯނީ ޕާސްތާ (ފެނުކައްކާފައި)
1/2 ޖޯޑު ބަޓަރު (އަންސޯލްޓެޑް)
1/2 ޖޯޑު ފުށް
1/2 1 ޖޯޑު ކިރު
1 ޖޯޑު ކުކިން ކްރީމް
1 ޖޯޑު ޗެޑާ ޗީޒް (ގާނާފައި)
1 ޖޯޑު މޮޒަރެލާ ޗީޒް (ގާނާފައި)
1 ސައިސަމުސާ ލޮނުމެދު (ކޮށާފައި)
1 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)
1 ސައިސަމުސާ ބެސިލް (ކޮށާފައި)
ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް ކޮޅެއް
ތަވައެއްގައި ބަޓަރުކޮށް ވިރުވާލުމަށްފަހު ފިޔާ އަދި ލޮނުމެދުކޮޅު އަޅައި ދެ މިނިޓު ވަންދެން މީރުކޮށްލާށެވެ. މީގެ ތެރެއަށް ފުށް އެއްކޮށް، ގަނޑުލިޔަ ނުދިނުމަށް 1 މިނެޓު ވަންދެން ހާކަމުން ގެންދާށެވެ. އަދި މަޑުމަޑުން ކިރު އަޅަމުން އެއްކުރަމުން ގެންދާށެވެ. ކިރާއި ފުށްކޮޅާއި ރަނގަޅަށް ގަނޑުނުލާ ވަރަށް އެއްވުމުން، ކޮންމެވެސް ވަރަކަށް ހިކެންދެން ކައްކަމުން ގެންދާށެވެ.
ގިނި މަޑުކުރުމަށްފަހު މީގެ ތެރެއަށް ކްރީމް، ޗެޑާ ޗީޒް، ބެސިލް އަޅައި ޗީޒްކޮޅު ރަނގަޅަށް ވިރެންދެން އެއްކުރަމުން ގެންދާށެވެ. އެއަށްފަހު ރަހަލާ ވަރަށް ލޮނާއި އަސޭމިރުސްކޮޅެއް އަޅާލާށެވެ. އަދި ފެނުކައްކާފައި ހުރި މެކަރޯނީ އާއި ތައްޔާރު ކުރި ޗީޒް ރަނގަޅަށް އެއްކޮށްލާށެވެ.
އަވަނުން ފިހެވޭ ތަށްޓަކަށް ތައްޔާރު ކުރި މެކަރޯނީ އެޅުމަށްފަހު މީގެ މައްޗަށް މޮޒަރެއްލާ ޗީޒް ކޮޅެއް އަޅާލާށެވެ. އަދި 10 މިނެޓު ވަންދެން ނުވަތަ ޗީޒްކޮޅު މުށިކުލައަކަށް އަރަންދެން އަވަނުން ފިހެލާށެވެ.
ވަން ރެސިޕީ
ވަން ރެސިޕީ