މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރެންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައި ވަނީ މަކަރޯނީ އެންޑް ޓޫނާ ސެލަޑް ރެސިޕީއެވެ.

2 ޖޯޑު ޕާސްތާ (މެކަރޯނީ) (ފެނުކައްކާފައި)

1 ޖޯޑު މަސްދަޅު (ތެޔޮ ފެލާފައި)

2 ފެނުކެއްކި ބިހުގެ ހުދުބައި (ކޮށާފައި)

1/2 ޖޯޑު ފިޔާ (ކޮށާފައި)

1 ޖޯޑު މެޔޮނައިސް

1 ސައިސަމުސާ ޑިޖޯން މަސްޓަޑް

1/2 ޖޯޑު ގާކިން (ކޮށާފައި)

1 މޭޒުމަތީސަމުސާ ސެލެރީ (ކޮށާފައި)

1/2 ޖޯޑު ބްލެކް އޮލިވްސް

1 މޭޒުމަތީސަމުސާ ޕާސްލީ (ކޮށާފައި)

1/2 ޖޯޑު (ތިން ކުލައިގެ) ބެލް ޕެޕާ (ހަތަރެސް ކަނަށް ކޮށާފައި)

ލުނބޯހުތް، ލޮނު އަދި އަސޭމިރުސް ކޮޅެއް

ބޯތަށްޓެއްގައި މެޔޮނައިސް، މަސްޓަޑު، ގާކިން، ސެލެރީ، ފިޔާ އަދި ޕާސްލީކޮޅު އަޅައިގެން މޮޑެލާށެވެ. އެއަށްފަހު ލުނބޯހުތް ކޮޅެއް ފިތާލުމަށްފަހު ލޮނާއި އަސޭމިރުސްކޮޅަކުން ރަހަ ހެޔޮވަރުކޮށްލާށެވެ.

ފެނުކައްކާފައި ހުރި މެކަރޯނީ، މަސް، ކޮށާފައި ހުރި ބިހާއި އޮލިވް އަދި ބެލް ޕެޕާތައް އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުންނަމަ ވަކިން ތަށްޓެއްގައި ލެޓިއުސް ފަތްކޮޅެއް އަތުރާލުމަށްފަހު މެކަރޯނީ ސެލެޑް މައްޗަށް އަޅާލައި ކެއުމަށް ބޭނުންކުރާށެވެ.