މިސްކިތްތަކުގައި ނަމާދުކުރާ އިރު ގައިދުރުކޮށް ޖަމާއަތް ހަދަން ޖެހޭގޮތަށް ނިންމައިފިއެވެ.
މީގެ ކުރިން ވެސް ގައިދުރުކޮށްގެން ޖަމާއަތް ހަދަން އަންގާފައިވެއެވެ. އެގޮތުން އެންމެ ފަހުން އެގޮތަށް އަންގާފައިވަނީ މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑު ކޭސްތައް މަދުވުމާ ގުޅިގެން މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އަނެއްކާވެސް ކައިރިކައިރީގައި ސަފު ހަދައިގެން ނަމާދުކުރުމުގެ ހުއްދަ ދީފައެވެ.
ފަހަކަށް އައިސް ކޮވިޑު ކޭސްތައް އިތުރުވުމާ ގުޅިގެން އަނެއްކާވެސް މިވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިސްކިތްތަކުގައި ގައިދުރުކުރުމާއި މާސްކު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ އަންގައިފައެވެ.
އެ ނިންމުމަށް އަމަލުކުރަން ޖެހޭނީ އަންނަ ބުދަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށެވެ. ހާލަތަށް ބެލުމަށްފަހު އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ވެސް އެޗްޕީއޭ އިން ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ. އެގޮތުން މާލެ ސަރަހައްދުގައި މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި، ސްކޫލުތައް ބަންދުކުރުމާއި، ސަރުކާރު އޮފީސްތައް ބަންދުކުރުން ހިމެނެއެވެ. އޭގެ އިތުރުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ އެންމެން ވެސް ދިހަ ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
އިއްޔެއަކީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 400 އިން މައްޗަށް އެރުމަށްފަހު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަދަދުތައް އުޅެނީ 500 އިން މަތީގައެވެ. ރާއްޖޭގައި އިއްޔެ ޕޮޒިޓިވްވީ 585 މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 31،330 އަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު