ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ތިންގުނަ އިތުރު ކަމަށާއި އިންޑިއާގައި އޮތް ފަދަ ނުރައްކާ ހާލަތަށް ގޮސްދާނެ ކަމަށް ޑރ. ފާތިމަތު މުފްލިހާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުފްލިހާ ވިދާޅުވީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރަން ޖެހޭ އަދަދުވެސް މިހާރު މަތިވަމުންދާ ކަމަށާއި ދެ ހަފުތާ ތެރޭ އެޑްމިޓްކުރަން ޖެހުނު މީހުންގެ އަދަދު ތިން ގުނަ މައްޗަށް އަރާފައިވާ ކަމަށެވެ.

"މިހާވަރަށް ރެއިސްވެގެން ދަނީ ކަމަށްވާނަމަ، އަޅުގަނޑުމެންގެ ހިއުމަން ރިސޯސަސް ވެސް، އަޅުގަނޑުމެންގެ ހެލްތު ކެއާ ސިސްޓަމަށް ވެސް ބާޑަން ވެގެން ގޮސްދާނެ ހާލަތެއް ވެސް އައުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންގެ ކޮމްޕްލަޔަންސް ރަނގަޅުވެގެން ނުދަނީ ނަމަ. އަޅުގަނޑުމެންނަށް އިންޑިއާ އިން ވެސް ފެންނަ ގޮތުން ނަމަ، ހަމަ އެ ހާލަތުގައި މިއޮތީ. އަޅުގަނޑުމެން އެއްވެސް ބޭފުޅަކު އެ ހާލަތަށް ދިއުމަށް ނޭދޭނެކަން ވެސް ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

ޑރ. މުފްލިހާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ގައި މިހާރު 160 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ފަރުވާދެމުން އަންނަ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ބެޑް ކެޕޭސިޓީ ވެސް މިހާރު ހުރީ 50 ޕަސަންޓުގައި ކަމަށެވެ. އަދި ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ވެސް މަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެޗްއެމްއެފްގައި އެޑްމިޓްކުރެވިފައިވާ ބޭފުޅުންގެ ތެރޭގައި އޮކްސިޖަން ޑިމާންޑު އޮންނަ ބޭފުޅުން ގިނަވެއްޖެކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުގެ މި ހުރިހާ ވާހަކައިން ވެސް އެނގިގެންދަނީ އަޅުގަނޑުމެންގެ ހާލަތު ގޯހުން ގޯހަށް ދާކަން. އަޅުގަނޑުމެންގެ ނަމްބަރުތައް މައްޗަށް ދާ ވަރަކަށް އެޑްމިޓްކުރެވޭ ވަރާއި އަޅުގަނޑުމެންގެ ހެލްތު ކެއާ ސިސްޓަމަށް ބާޑަން ވެގެން ގޮސް، އިންޑިއާ، ނޭޕަލް ފަދަ ގައުމުތަކުން ފެންނަމުންދާ ކަހަލަ ހާލަތަކަށް ދިޔަ ނުދިނުމަށް އަޅުގަނޑުމެން އެކުގައި މަސައްކަތްކުރުން އޮތީ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުފްލިހާ އިތުރަށް ވިދާޅުވީ ކޮވިޑުގެ އަދަދުތައް މަތިވަމުންދާ ނަމަ، ރާއްޖޭގައި ވެސް އާ ވޭރިއަންޓް އުފެދުމަކީ ގާތްކަމެއް ކަމަށާއި ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދުވެސް އިތުރުވެދާނެ ކަމަށެވެ.

މިއަދަކީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 400 އިން މައްޗަށް އެރުމަށްފަހު، އިއްޔެއިން ފެށިގެން އަދަދުތައް އުޅެނީ 500 އިން މަތީގައެވެ. ރާއްޖޭގައި މިއަދު ޕޮޒިޓިވްވީ 585 މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 31،330 އަށް އަރައިފައެވެ.