މާލެ ސަރައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ދިހަ ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
މީގެ ކުރިން އެޗްޕީއޭއިން ވަނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދެވިފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ހަމަޖައްސައިފައެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދެ ޑޯޒް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭ ގޮތަށް ހަދައިފައެވެ.
އެފަދަ ފަރާތްތައް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމަށް އަމަލުކުރާ ގޮތަކީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވާނެއެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީންވެސް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި އުސޫލުގައިވާ ގޮތުން ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމުން، ދޭން ނިންމާފައިވާ ލުއިތައް ދިނުން ހުއްޓާލުމަށް ނިންމައިފައިވާ ކަމަށެވެ.
އެގޮތުން އެއްރަށުން އަނެއް ރަށްރަށަށް ދަތުރު ކުރެވޭނީ ހުއްދައާއެކު ޒާރޫރީ ބޭނުންތަކަށް އެކަނި ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުންވެސް މަނާވާނެ ކަމަށެވެ. އަދި ހުއްދައާއެކު ދަތުރުކުރާ ފަރާތްތައްވެސް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
މި ނިންމުންތަކަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށެވެ. އަދި ހާލަތަށް ބެލުމަށްފަހު އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު