ސަރުކާރު އޮފީސްތައް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް އަންގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރު އޮފީސްތައް ބަންދުކުރި ނަމަވެސް އޮންލައިންކޮށް މަސައްކަތް ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ހިދުމަތްތައްވެސް އޮންލައިންކޮށް ދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު، މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ވަނީ ސަރުކާރު އޮފީސްތަކާއި ބައެއް ޕްރައިވެޓް އޮފީސްތައްވެސް ބަންދުކޮށްފައެވެ. އަދި އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތައް ހަރުކަށިކުރަން ނިންމައިފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ވަނީ ބަންދުކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށްވެސް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.