މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއެކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް (ޖީޓީއޭއެސް) މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މެންދުރު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިންއެވެ.

ޖީޓީއޭއެސް އަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާއި ޔޫއެސް ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން ގުޅިގެން ޔޫއެސް ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 2178 އާއި 2396 އަށް ރިއާޔަތްކޮށް އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން (އޭޕީއައި) އަދި ޕެސެންޖާ ނޭމް ރެކޯޑްސް (ޕީއެންއާރު) އެސެސްކޮށް އެނަލައިޒްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.

އެ އެއްބަސްވުމުގެ މަގުސަދަކީ ކަސްޓަމްސްގައި ގާއިމުކުރެވިފައިވާ ސިސްޓަމް މެދުވެރިކޮށް ޕީއެންއާރް/ އޭޕީއައި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަންއާ ހިއްސާކުރުމެވެ. މީގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާވެ، ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސްއާ ދެމެދު ފަސޭހަމަކާއެކު މައުލޫމާތު ބަދަލުކުރެވޭނެއެވެ.

މި ނިޒާމު ގާއިމުކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިން އަދި ހިއުމަން ޓްރެފިކިން ފަދަ ކުށްތައް ހުއްޓުވުމާއި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވައިދާ ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ، ރާއްޖެއަށް ވަދެ ނުކުމެވާ ދޮރާށިތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި އަދި ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް މަހުފަހިވެގެންދާނެއެވެ.