ކޯޓު މަރުހަލާ ނުނިމެނީސް ބޮޑެތި އަދަދުތަކުން ފައިސާގެ ބަދަލުދޭ ގޮތަށް ބަންޑާރަ ނައިބު ނިންމެވީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ސުވާލު އުފައްދައިފި އެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ކޮމިޓީގެ މުގައްރިރު މާފަންނު މެދު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ކޯޓު މަރުހަލާތައް އެއްކޮށް ނުނިމެނީސް ސަރުކާރުން ބަދަލު ދޭން ނިންމުމަކީ އަލަށް ނިންމާ ނިންމުމެއް ކަމަށެވެ. އޭނާ އެގޮތަށް ފާހަގަކުރެއްވީ، މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
އިންތި ވިދާޅުވީ، ކޯޓު މަރުހަލާތައް ނުނިމެނީސް ސަރުކާރުން ބަދަލު ނަގައި ނުދިނުމަށް މީގެ ކުރިން ބަންޑާރަ ނާއިބު އޮފީހުން ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށެވެ. ނަމަވެސް އެކަން އެހެން ގޮތަކަށް ބަދަލު ކުރި ގޮތާމެދު އިންތި ވަނީ ސުވާލު އުފައްދައިފައެވެ. އަދި ސަރުކާރުން ބަދަލުދިނުމުގެ ކަންތަކުގައި ހަމަހަމަ ކަމެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
އެގޮތުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ޓީވީއެމް ހިންގި އިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓް ކޮށްގެން ލިބެން ޖެހޭ 78 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) އަށް ދައުލަތުން ފައިސާ ދިނުމާއި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ދިނުމުގައިވެސް ތަފާތުތައް ހިމެނޭ ކަމަށް އިންތި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް ދައުލަތުން ބޮޑެތި ބަދަލުތަކެއްް ދޭ އިރު، އެހެން ބައެއް ފަރާތްތަކަށް ބަދަލު ނަގައިދިނުމުގެ ކަންތައް ވަރަށް ތަފާތު ކަމަށެވެ. އިންތި ފާހަގަކުރެއްވީ، ނުހައްގުން ވަޒީފާތަކުން ވަކި ކުރާ ފަރާތްތައް ޒަމާންތަކެއް ވަންދެން ޝަރުއީ ނިޒާމުގައި މައްސަލަ ކުރިއަށް ދިއުމުންވެސް އެފަރާތްތަކަށް ބަދަލުގެ ގޮތުގައި ލިބެނީ އަހަރެއްހާ ދުވަހުގެ މުސާރަ ކޮޅު ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު އެއަށްވުރެވެސް ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ، ޝަރުއީ ކޯޓުތަކުގެ ހުރިހާ މަރުހަލާއެއް ނިމުމުން ނޫނީ ސަރުކާރުން ބަދަލު ނުދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން މުހިިންމުކަން ދެއްވި ނަމަވެސް މިހާރު އެކަން އޮންނަނީ އެގޮތަށް ނޫން ކަަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ