ކުޅިވަރު

މެސީގެ ޖާދުލާއެކު ބާސާ އެނބުރި ރޭހަށް

މުޙައްމަދު ޝަމްޢޫން

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށް، އެޓީމުން ތަށީގެ ރޭހަށް ކުރާ އުންމީދު ދަމަހައްޓައިފިއެވެ.

ރޭގެ މެޗުގައި ބާސާ ކެޕްޓަން މެސީ ދެ ގޯލް ޖަހައިދީފައިވާއިރު، އަނެއް ގޯލް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި އެންޓޮއިން ގްރީޒްމަންއެވެ. މޮޅާއެކު ބާސާއިން އޮތީ ލީގު ތިންވަނައިގައެވެ. އެހެންނަމަވެސް ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ބާސާ ވަނީ ހަމަހަމަ ކޮށްފައެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް މި ހަފުތާގައި ކުޅުނު މެޗުތަކުން މޮޅުވެފައި އޮތުމުން ރޭގެ މެޗަށް ނުކުތްއިރު، ލީގު ހޯދުމުގެ ރޭހުގައި ހިފަހައްޓާލުމަށް މޮޅެއް މަޖުބޫރެވެ.

ލަލީގާގެ ތަށްޓަށް ވާދަކުރަމުން އަންނަ ބާސާއާއި އެތުލެޓިކޯ އަދި ރެއާލްއަށްވެސް ލީގުގައި މިހާރު ބާކީ ހަތަރު މެޗު އޮތްއިރު، އެއް ވަނައިގައި އޮތް އެތުލެޓިކޯއަށް 34 މެޗުން ލިބިފައި ވަނީ 76 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ރެއާލާއި ތިން ވަނައިގައި އޮތް ބާސެލޯނާއަށްވެސް 34 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް މިވަގުތު ދެވަނައިގައި އޮތީ ހެޑް ޓު ހެޑަށް ބަލައިގެންނެވެ.

ބާސާއިން ލީގު ރޭހުގައި ހިފަހައްޓާލުމަށް ރޭގެ މެޗުގެ އިތުރުން ކުރިއަށް އޮތް އެތުލެޓިކޯ މެޗުވެސް އިންތިހާއަށް މުހިއްމު ވެފައި އޮތްއިރު، އެޓީމަށް ކުރިމަތިވި އެންމެ ބޮޑު މާޔޫސް ކަމަކީ އެންމެފަހުން ގްރަނާޑާއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި ކޯޗު ރޮނަލްޑް ކޫމަންއަށް ރަތް ކާޑު ދެއްކުމުން ބެންޗުގައި އޭނާއަށް ނީނދެވުމެވެ.

ވެލެންސިއާ ދަނޑުގައި އެޓީމާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ވެލެންސިއާއެވެ. ކޯނަރަކުން ފައިދާ ނަގައި ގަބްރިއެލް ޕައުލިސްޓާ ވަނީ ބޮލުން ބޯޅަ ގޯލަށް ވައްދާލައިފައެވެ. އެ ގޯލަށް މާގިނައިރެއް ނުވެ، މެސީވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފައެވެ. މެސީ ޖެހި ޕެނަލްޓީ ވެލެންސިއާ ކީޕަރު މަތަކުރި ނަމަވެސް ރީބައުންސްގައި މެސީ ވަނީ ގޯލަށް ބޯޅަ ވައްދާލައިފައެވެ.

މެޗުގެ ހުރިހާ ގޯލެއްވެސް ދެވަނަ ހާފްގައި ފެނިފައިވާއިރު، 63 ވަނަ މިނެޓުގައި ގްރީޒްމަން ވަނީ މެޗުގައި ފުރަތަމަ ފަަހަރަށް ބާސެލޯނާ އަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން މެސީގެ ޖާދޫ ދައްކާލިައެވެ. މެޗުގެ 69 ވަނަ މިނިޓްގައި މެސީ ބާސާއަށް ތިންވަނަ ގޯލް ޖަހައިދިނީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ.

މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ސޮލާ ވެލެންސިއާއަށް އިތުރު ގޯލެއް ޖަހައިދިން ނަމަވެސް، އެޓީމަށް ނަތީޖާ ހަމަހަމަ ކުރެވޭނެ ގޮތެއް ނުވިއެވެ.