މީހަކަށް ދައުލަތުން ގެއްލުމެއް ދިނުމުން އެކަމުގެ ބަދަލު ދޭން ޖެހޭނެ ކަމަށާއި އެކަމަށް ޒިންމާ ވާން ޖެހޭ މީހުނަށް ދައުވާ ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ލީގަލް ކައުންސިލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، ގެއްލުން ދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.

"މިހާރު ވެސް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރި ބައެއް ފަރާތްތަކާ މެދު ތަހުގީގު ހިންގުމަށްޓަކައި މޯލްޑިވަސް ޕޮލިސް ސާވިސްއަށް ހުށަހެޅިފައިވޭ. އަދި ބައެއް ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ވެސް ދައުވާކޮށްފައިވޭ،" އަފީފު ވިދާޅުވި އެވެ.

ގެއްލުމުގެ ބަދަލު ދޭން ފެށީ މި ސަރުކާރުންކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ، މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއްކޮށް ޖިނާއީ ދައުވާއެއް އުފުލުމަށް ވަގުތު ނަގާނެ ކަމަށެވެ. އެހެން ނަމެވެސް އެކަން ހިނގާނެ ކަމަށާއި މި ސަރުކާރުން އެކަން ކުރާނެ ކަމަށް އަފީފް ވިދާޅުވި އެވެ.

"ހަގީގަތުގައި މާގިނަ ފަރާތްތަކަކަށް ބަދަލުދީފައެއް ނެތް އިނގޭތޯ. ބަދަލު އެހާ ގިނައިން ދޭ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑު ހަނދާންވާ ގޮތުގައި ތިން މައްސަލައެއްގަ ކަން ނޭނގެ ބަދަލު ދީފައި ވާނީ،"

ބަދަލު ދިނުމުގެ މަސައްކަތް ސަރުކާރުން ކޮންމެވެސް ވަރަކަށް ކުރި ކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ، އެމަސައްކަތް މިހާރު ހުއްޓިފައި އޮތީ ކޯޓު އަމުރުގެ ސަބަބުން ކަމަށެވެ.

"އެއީ ސަރުކާރަށް ކުރިމަތި ވި ވަރަށް ބޮޑު ގޮންޖެހުމެއް. ލުއި ގޮތަކަށް ދައުލަތަށް ވެސް ބުރަ ނުވާނެ ގޮތަކަށް މި ބާވަތުގެ މައްސަލަތައް ނިންމުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔަ މި މައްސަލަ،" އަފީފް ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުގެ ނަމުގައި ބަޔަކަށް ގެއްލުން ދީފައިވާ ނަމަ އެކަމުގެ ބަދަލު ދެން ލިބެމުންދާނެ ކަން އަފީފް ފާހަގަކުރެއްވި އެވެ. އަދި އެކަން ހައްލު ކުރުމަށްޓަކައި އިހުމާލު ވާ ފާރާތްތައް ޖަވާބުދާރީކޮށް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.