ރިޕޯޓް

ކުނި އަޅާ ބަޔަކަށް ވިސްނެންދެން ބިދަބިން މިތިބީ ސާފު ކުރަން!

އަލީ އަފާފް ރަމީޒު

ބިދަބިން ބޮޑުބެރު ގުރޫޕަކީ އާ ނަމަކަށް ގައިމުވެސް ނުވާނެއެވެ. ހާއްސަކޮށް ދިވެހިންގެ ލެޔާ ގުޅިފައިވާ ބޮޑުބެރުގެ ފޭނުންނަށް މިއީ ހާއްސަ ނަމެކެވެ. ބިދަބިން ބޮޑުބެރު ގުރޫޕަކީ މާލެ އާއި މުޅި ރާއްޖޭގައިވެސް ނަން މަޝްހޫރު ބޮޑުބެރު ގުރޫޕްތަކުގައި ހިމެނޭ އެއް ގުރޫޕެވެ. މި ގުރޫޕްގެ ލަވަތަކާއި ބެރުން ވަނީ ގިނަ ބަޔަކު ޖާދުލުގައި ޖައްސައިފައެވެ. ނަމަވެސް މި ގުރޫޕުން މިފަހަރު މިއުޅެނީ ބެރު ޖަހާކަށް ނޫނެވެ. މިފަހަރު ރޯދަ މަހު މި ގުރޫޕުން ކުރަމުން އަންނަނީ ވަރަށްވެސް ތަފާތު، އަދި ނަމޫނާ މަސައްކަތެކެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި އެތައް ބައިވަރު ކުނި ޖަމާވެ، ގިނަ ދުވަސްވަންދެން ހުންނަ ޝަކުވާއަކީ އިއްޔެ ނުވަތަ މިއަދަކު އިވެމުންދާ ޝަކުވާއެއް ނޫނެވެ. ހާއްސަކޮށް މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ހިތްފަސޭހަ ކޮށްލަންދާ ބީޗް ފަދަ ތަންތަނަކީ އެންމެ ގިނައިން ކުނި އަޅާފައި އޮންނަ ހިސާބުތަކެވެ. ޑަސްބިންތައް އެ ސަރަހައްދުގައި ހުރި ނަމަވެސް، ފަރުވާކުޑަ ބައެއްގެ ސަބަބުން ކުނިތައް އެ ސަރަހައްދުތަކުގައި ދަނީ ގިނަވަމުންނެވެ.

މި ފަހަރު ރޯދަ މަހު ބިދަބިން ގުރޫޕުން ނުކުމެ އުޅެނީ އެ ސަރަހައްދުތައް ސާފުކޮށް، ސާފު ވެއްޓެއް ގާއިމުކުރުމަށެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަވާ ކުނިތައް ނެގުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ދެކި، އެ ގުރޫޕުން މިވަނީ ރޯދަ މަހަށް ހާއްސަކޮށް، ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފައެވެ. އެ ގުރޫޕްގެ މިއަހަރުގެ ޝިއާރުވެސް ގުޅެނީ ތިމާވެއްޓާއެވެ. އެއީ "ތިމާވެށި ސާފުކޮށް ބެލެހެއްޓުން" މިއެވެ.

"އަޅުގަނޑުމެން ކޮންމެ އަހަރަކަށްވެސް ވަކި މޮޓޯއެއް އިންނާނެ. 2020 ގައި އިނީ ތިމާވެށި ސާފުކޮށް ބެލެހެއްޓުން މި މޮޓޯ. 2020 މި ދިޔައީ ޕެންޑަމިކްގައި އެއްކޮށް ބްލޮކްވެގެން. އެ ޝިޔާރުގެ ދަށުން 2021 ވެސް މިދަނީ، އެގޮތުން އެ ޝިއާރުގެ ދަށުން މި ރޯދަ މަހު މިވަނީ މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ފެށިފައި،" ބިދަބިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާސިމް (އާއްކޮ) ވިދާޅުވިއެވެ.

އާއްކޮ ކިޔައިދިން ގޮތުގައި މާލޭގެ އެކި ސަރަހައްދުތައް ސާފުކުރަން ފަށާފައިވަނީ ރޯދަ މަހުގެ ފުރަތަމަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެގޮތުން ހަފުތާއަކު އެއް ދުވަހު ސާފު ކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، ސާފު ކުރުމުގެ ޕްރޮގްރާމުތައް އެ ގްރޫޕުން ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި ރޯދަ މަސް ނިމެންދެން މި ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށްވެސް އާއްކޮ ވިދާޅުވިއެވެ.

މި ޕްރޮގްރާމް އެ ގްރޫޕުން ތިން ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު، ފުރަތަމަ ހަފުތާގައި ބޮޑެތި ކަޅު ކޮތަޅުގެ 25 ކޮތަޅުގެ ކުނި ވަނީ ނަގައިފައެވެ. އަދި ދެ ވަނަ ހަފުތާ އާއި ތިންވަނަ ހަފުތާގައި 30 ކޮތަޅުގެ ކުނި ވަނީ ނަގައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެއަށްވުރެ ގިނައިން ކުނި ނެގުމަކީ އެ ގްރޫޕުގެ އަމާޒެވެ.

"ފެށީ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި. އެއީ ސަޓަޑޭގައި. ތިން ޕްރޮގްރާމް މިހާރު ވަނީ ޖައްސާފައި، އަނެއްކާވެސް ޖައްސާނަން އިތުރު ޕްރޮގްރާމެއް. ރޯދަމަސް ނިމެންދެން ވީކްލީ ހަމަ މާލޭގެ ކޮންމެވެސް އެއް ސަރަހައްދެއް ސާފު ކުރަމުން ގެންދާނަން،" އާއްކޮ ވިދާޅުވިއެވެ.

އާއްކޮ ވިދާޅުވި ގޮތުގައި ވަކި އަދަދަކަށް ކުނި ނެގުމަކީ އެ ގްރޫޕުން ކަނޑައަޅާފައިވާ ކަމެއް ނޫން ކަމަށާއި އަމާޒަކީ މާލެތެރެ ސާފުކޮށް ބޭއްވުން ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ގްރޫޕުން ސާފު ކުރި ބައެއް ތަންތަން މިހާރު އަނެއްކާވެސް ވަނީ ކުނި އަޅައި ހަޑިކޮށްފައެވެ. އެކަމަކު އެ ގުރޫޕުން ތިބީ ހިތްވަރު އެލުވާލައި ހުއްޓާލާ ގޮތަކަށް ނޫނެވެ. އެ ގްރޫޕުން ތިބީ ކުނި އަޅާ ބަޔަކަށް ވިސްނެންދެން ކުނިތައް ނަގައި ސާފު ކުރަން ތައްޔާރަށެވެ.

"ވަކި އަދަދަކަށް ކުނި ނެގުމަކީ ޓާގެޓެއް ނޫން. އަޅުގަނޑުމެން ކުރިން ދުވަހު ސާފު ކުރިތަން އެވަނީ ވަރަށް ބޮޑަށް ހަޑިވެފައި. ހުސްނުވާ ވަރަށް ކުނި އެބަ އުފެދޭ. ކުނި އަޅާ ބަޔަކު ހޭލުންތެރިވެގެން އެ ހުއްޓަންދެން އަޅުގަނޑުމެން މިތިބީ ސާފު ކުރަން. އެއީ ޓާގެޓަކީ. ބަޔަކު ހޭލުންތެރިވެގެން ހުއްޓަންދެން އަޅުގަނޑުމެން މިތިބީ ސާފު ކުރަން،" އާއްކޮ 'ވަން' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ބިދަބިންގެ 30 އަށްވުރެ ގިނަ މެންބަރުން ބައިވެރިވާ މި ހަރަކާތުގެ އަމާޒަކީ ވީހާވެސް ގިނަ ބައެއްގެ ސަމާލުކަމަށް މި މައްސަލަ ގެނައުމެވެ. އަދި ވީހާވެސް ގިނަ ބަޔަކު މާލެތެރެ ސާފުކޮށް ބޭއްވުމަށް ހިންގާ ހަރަކާތުގައި އެ ގްރޫޕާއެކު ބައިވެރިވުމެވެ. އެގޮތުން ސަރުކާރުގެ ބައެއް ފަރާތްތަކާއި އާންމުންވެސް މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކަމަށް އެ ގުރޫޕުން ބުންޏެވެ.

"ބޭނުންވަނީ މިކަން އެންމެންގެ ސަމާލުކަމަށް ގެނެސް، މިއަށް ވީހާވެސް ގިނަ ބަޔަކު އޮންބޯޑްވެ، މި މާލެ އާއި ރާއްޖެ ވަރަށް ސާފު ތަނަކަށް ހަދާލުން. މިހާރުވެސް އަމިއްލަ ވަކިވަކި ފަރުދުން އެބަހުރި ބައިވެރިވާން މެސެޖް ކޮށްފަ. މިއަންނަ އިވެންޓުގައި އެބޭފުޅުންވެސް ބައިވެރިވާނެ. ދެން ސަރުކާރުގެ ބައެއް ފަރާތްތަކުންވެސް މިކަމަށް އަނގަ ބަހުން އޮންބޯޑް ވާނެ ކަމަށް ބުނެފަ ހުރީ. ބިދަބިންގެ ވެޓަރެންސްވެސް ވާނެ." އާއްކޮ ވިދާޅުވިއެވެ.

އާއްކޮ ވިދާޅުވި ގޮތުގައި މި ދުވަސްވަރަކީ ކޮވިޑުގެ ނުރައްކާތެރި ހާލަތުގައި ގައުމު އޮތް ދުވަސްވަރަކަށް ވުމުން، އެ ގްރޫޕުން ހިންގާ ހަރަކާތްތައްވެސް ކުރިއަށްގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އެގޮތުން މާސްކު އަޅައި، އަންގި ލައްވައި، ސެނިޓައިޒް ކުރުމުގެ ކަންކަންވެސް ހަރަކާތް ކުރިއަށްދާ ވަގުތުގައި ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގްލޮވްސް ހުންނާނެ، މާސްކް ހުންނާނެ، ސާފު ކުރާ ތަނުގައި ސެނެޓައިޒާވެސް ހުންނާނެ، އަޅުގަނޑުމެން ހުރިހާ ކުދިން ހަމަ ނިމުމަށްފަހު ސްޓޫޑިއޯއަށް ދާނީ ހުރިހާ ކުދިންވެސް، ސްޓޫޑިއޯއަށް ދިއުމަށްފަހު ސެނިޓައިޒްކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރަށް ރަނގަޅަށް ދާނީ ހަމަ،" އާއްކޮ ވިދާޅުވިއެވެ.

އެ ގުރޫޕްގެ އަމާޒަކީ ރޯދަ މަސް ނިމުމުންވެސް މި ހަރަކާތް ކުރިއަށް ގެންދިއުމެވެ. އެގޮތުން ރޯދަ މަހަށް ފަހު، މަހަކު އެއް ފަހަރު މާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ތިމާވެއްޓާ ގުޅުން ހުރި އިތުރު ހަރަކާތްތައް ހިންގުމަށް ވެސް ވަނީ ނިންމައިފައެވެ. މި ގުރޫޕުގެ އަމާޒަކީ ޖަޒީރާވަންތަ މި ދިވެހިރާއްޖެ ވަރަށް ސާފު ތަނަކަށް ހެދުމެވެ.