ކެބިނެޓަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކޯލިޝަން ޕާޓްނަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެ މަޝްވަރާތައް ނުނިމޭ ކަމަށް ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރައީސް ވިދާޅުވި ގޮތަށް ސަރުކާރަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ގެންނަށް ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކޯލިޝަން ޕާޓްނަރުންނާ އެކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ކެބިނެޓަށް ބަދަލު ގެނައުމުގެ މަޝްވަރާތައްވެސް ހިމެނޭ ކަމަށެވެ.
"ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެއް ހިންގަން ތިއްބަވާ ބޭފުޅުންނާ ގުޅޭ ވާހަކައަކީ، އަދި އޭގެ ތެރެއިންވެސް އެއް ސަބް ޕޮއިންޓް ކެބިނެޓުގައި ތިއްބަވާ ވަޒީރުންނާ ގުޅޭ ވާހަކައަކީ. ޖުމްލަ އެއަށްވުރެ ފުޅާ ދާއިރާއެއްގައި މިހާރު ޑިސްކަސް ކުރެވެމުންދަނީ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އެ މަޝްވަރާތައް ނިމުމުގެ ކުރިން އެކަމާ ގުޅޭގޮތުން ކިޔައިދެވޭނެ މާ ގިނަ ވާހަކަތަކެއް އަދި ތަފްސީލުތަކެއް ނެތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކެބިނެޓަށް ބަދަލު ގެންނަވަން ނިންމަވާފައިވާ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން، ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވައި އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް ހަމަޖައްސަވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު ކެބިނެޓުން ވަކިކުރައްވާނެއެވެ. ނަމަވެސް ފަހުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކުރައްވައި، ބައްދަލުކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށެވެ.
އެގޮތުން އެ މަގާމަށް އައްޔަން ކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި މަހުމޫދު ރާޒީ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ބައެއް އެހެން މަސްދަރުތަކުން ބުނާ ގޮތުގައި، އެމަގާމަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ކަމަށް ވާތީ އެމަގާމަށް ހަމަޖައްސަން ޖޭޕީން ވަނީ ދެ ބޭފުޅެއްގެ ނަން ރައީސަށް ފޮނުއްވައިފައެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކުރައްވާނެ ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު