ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯކަސްއަކީ ނިޒާމު ބަދަލުކުރުމެއް ނޫން ކަމަށާއި ފޯކަސްއަކީ އިގުތިސާދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުން ކަމަށް ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައީސްގެ ފޯކަސްއެއް ނޫން ކަމަށާއި ނަމަވެސް އެކަމާ މަޝްވަރާތައް ކުރަންޖެހޭ ނަމަ މަޝްވަރާކުރައްވާނެ ކަމަށެވެ.
"މިކަމުގައި (ނިޒާމުގެ ވާހަކަ) އަދި އަމުދުން ރާއްޖެ މިހާރު އޮތް ހާލަތުގައި ރައީސްގެ ފޯކަސް ހުރީކީ މިކަމަކަށް (ނިޒާމު ބަދަލު ކުރުން) ނޫން. ރައީސް ފޯކަސް ކުރައްވައިގެން ހުރީ އިކޮނޮމިކް ރިކަވަރީއަށް، އަދި ރައީސް ފޯކަސް ކުރައްވައިގެން ހުންނެވީ ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓަކާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގިނަ ބަޔަކަށް ފެންނަ ނަމަ، އެކަން ކުރައްވަން ރައީސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސްގެ ކީ ޕްރިއޯރިޓީއަކަށް އޮތީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމެއް ނޫނޭ. އެ މަޝްވަރާއަކީ ރައީސާ އެހެން ބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަޝްވަރާއެއްނަމަ، އެ މަޝްވަރާގައި ބައިވެރިވެވަޑައިގެން، އެ މަޝްވަރާ ކުރިއަށް ގެންދަވަންވެސް ތައްޔާރަށް ހުންނެވީ،" މަބްރޫކް ވިދާޅުވިއެވެ.
މިރޭގެ ޕްރެސްގައި ރައީސްގެ ލީގަލް ކައުންސިލަރު އަބްދުﷲ އަފީފް ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ވާހަކަތަކެއް ސަރުކާރުގެ ތެރޭގައި ދައްކާފައިނުވާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް އެއްވެސް ވަރަކަށް ސަރުކާރުގެ ތެރޭގައި ކުރެވިފައިނުވާ ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ނުބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، ވެރިކަމުގެ ނިިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ރައީސް ނަޝީދު ވެސް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ. އަދި ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ، ނުފެންނަ ވޯޓާގުޅޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރުގެ އޯގަސްޓް 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ނެގި ސިއްރު ވޯޓުގައި ރިޔާޒީ ނިޒާމު އޮންނަން ފެންނަ ކަމަށް 95،619 މީހުން ވޯޓު ދިނެވެ. އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އޭރުގެ ޕާޓީ ޑީއާރުޕީންނެވެ. ރައީސް ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީން ޕްރޮމޯޓް ކުރި ބަރުލަމާނީ ނިޒާމަށް ލިބުނީ 58،504 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު