މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތަށް ޕްރިކޮލިފައިވީ ހަތަރު ކުންފުންޏެއް ކަމަށާއި އެ ކުންފުނިތަކުން އަންނަ ބުދަ ދުވަހުގެ ކުރިން ބިޑަށް ހުށަހަޅަން ޖެހޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.
އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް ހަދާ 6.7 ކިލޯ މީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މިއީ މާލޭ ސަރަހައްދުގައި ހަދާ ދެވަނަ ބްރިޖެވެ.
ހައި ކޮމިޝަނުން ބުނީ މި ޓެންޑަރުގައި ބައިވެރިވުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން އެގައުމުގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައިވާ ކޮށްފައިވާ ކަމަށެވެ. އަދި މި ހަތަރު ކުންފުންޏަކީވެސް މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި މަޝްރޫއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެއް ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ ދިވެހި ސަރުކާރުން ހިޔާރުކޮށްފައިވާ އިނގިރޭސި ވިލާތާއި ހޮންގްކޮންގްގެ ކުންފުންޏެކެވެ.
މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އިންޑިއާ ސަރުކާރުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި މި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައެވެ.
މި މަޝްރޫއަށް ބިޑް ހުށަހެޅުން އަންނަ ބުދަ ދުވަހަށް ހަމަވާ އިރު، މި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ބްރިޖު މަޝްރޫއު ބަޔަކާ ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށާއި އެހެންކަމުން ޝެޑިއުލްއާ އެއްގޮތަށްދާނަމަ 2023 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް އިންޑިއާ (އެގްޒިމް ބޭންކު) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.
މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫފް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެކެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެގައުމުގެ ސަރުކާރުން ވަނީ ރުހުން ދީފައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ތިލަމާލެ ބްރިޖުގެ މަޝްރޫއަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. ނަމަވެސް މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަޝްރޫއަށް ހިމަނާފައިވަނީ 411 މިލިއަން ރުފިޔާއެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއަށް 469 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު