މެންޗެސްޓާ ޔުނައިޓެޑުގެ ވެރިންނާ ދެކޮޅަށް އެކްލަބުގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތައް ކްލަބުގެ ތާރީހީ ދަނޑު، އޯލްޓްރެފޯޑުގައި މިރޭ ކުރުމާއެކު ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.
ޔުނައިޓެޑްގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާއާ ދެކޮޅަށް ކްލަބު ސަޕޯޓަރުން ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ، މިރޭ ލިވަޕޫލާ ދެކޮޅަށް އެޓީމުން ކުޅެން އޮތް މެޗު ފަސްކޮށްފައި ވަނީ މެޗު ފަށަން ގަޑިއިރަކަށް ވެފައި ވަނިކޮށް، ސަޕޯޓަރުން ދަނޑު ތެރެއަށް ވަދެ، ދަނޑު ތެރޭގައި ދުން އަރުވައި، ބައެއް ތަކެއްޗަށް ގެއްލުންވެސް ދިނުމާއެކުގައެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ޔޫއެފާއާ ދެކޮޅަށް އާ ލީގެއް، ސުޕަ ލީގުގެ ނަމުގައި އިއުލާންކޮށްފައިވާ އިރު، ސަޕޯޓަރުން ވެރިންނާ ދެކޮޅަށް އަޑުއުފުލަމުންދާ މައިގަނޑު ސަބަބަކީ އެ ލީގުގެ ކަންކަމުގައި ޔުނައިޓެޑުން ކަންކަން ކުރި ގޮތުންނެވެ.
ޔުނައިޓެޑްގެ ވެރިން ކްލަބުގެ ކަންކަމާ އެއްވެސް ވަރަކަށް އަޅާނުލާ ކަމަށާއި، ސުޕަ ލީގުގެ ނިންމުން ނިންމީ ސަޕޯޓަރުންގެ އިހުސާސްތަކާ ދެކޮޅަށް ކަމަށް ގިނަ ސަޕޯޓަރުންތަކެއް ވަނީ ބުނެފައެވެ. ކުޅުންތެރިންނާއި ކްލަބުގެ ކޯޗުވެސް އެކަމުގައި މެނޭޖުމަންޓާ ދެކޮޅަށް ވާހަކަ ދައްކާފައިވާ އިރު، ޔުނައިޓެޑުން އެ ނިންމުން ނިންމުމުގައި އެންމެ އިސްކޮށް އުޅެފައިވާ ވައިސް ޗެއާމަން އެޑްވުޑްވާޑް ވަނީ މި ސީޒަނަށްފަހު ކްލަބުން އިސްތިއުފާ ދޭނެ ކަމަށް ބުނެފައެވެ.
އެހެން ބައެއް ކްލަބުތަކުގެ ސަޕޯޓަރުންވެސް ވެރިންނާ ދެކޮޅަށް މުޒާހަރާތައްކޮށް އަޑުއުފުލަމުންދާ އިރު، އާސެނަލްގެ ސަޕޯޓަރުން ވަނީ ވެރިންގެ ކިބައިން ކްލަބު ވިއްކާލުމަށްވެސް ޑިމާންޑުކޮށްފައެވެ. ހާއްސަކޮށް ކްލަބުތަކުގެ ވެރިންނަށް ކްލަބުތަކުގެ މެޗުތައް އޮންނަކަން ގިނަ ފަހަރު ނުވެސް އެނގޭ ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.
ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅޭނެ މެޗު ދެން އޮންނާނެ ތާރީހު އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ޕްރިމިއާ ލީގުންނާއި ޔުނައިޓެޑުން ބުނެފައި ވަނީ ސަޕޯޓަރުންގެ އަޑު އަހަން ކްލަބުން ބޭނުންވާ ކަމަށާއި، މިރޭގެ މެޗު ފަސްކުރަން ޖެހުނީ ސަލާމަތީ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް