މިދިޔަ އަހަރާ އަޅައިބަލާއިރު މިއަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 809 މައްސަލައެކެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި 1،352 މައްސަަލަ ހުށަހަޅާފައިވެއެވެ.
ވަކިވަކި ކުށްތަކަށް ބަލާއިރު، ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ދިހަ މައްސަލައެއް ހުށަހާޅާފައިވާއިރު މިދިޔަ އަހަރުވެސް ހުށަހަޅާފައިވަނީ ދިހަ މައްސަލައެވެ.
ފޭރުމުގެ މައްސަލަތައް މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 15 މައްސަަލައެއް ހުށަހަޅާފައިވާއިރު މިއަހަރު 20 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ފާއިތުވި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ވައްކަމުގެ 222 މައްސަލައެއް ހުށަހަޅާފައިވެއެވެ. ނަމަވެސް މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ހުށަހަޅާފައި ވަނީ ވައްކަމުގެ 368 މައްސަލައެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވާ މަސްތުވާތަކެތީގެ މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު އެފަދަ 156 މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 64 މައްސަލައެކެވެ.
ޖިންސީ ގޯނާއާ ފުރައްސާރައިގެ މައްސަލަތައްވެސް މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު އެފަދަ 24 މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހެޅީ އެފަދަ ދިހަ މައްސަލައެކެވެ.
އޭގެ އިތުރުން، ފާއިތުވި އަހަރުގެ ފުރަތަމަ 15 ދުވަހާއި މި އަހަރުގެ ފުރަތަމަ 15 އަޅާކިޔާ އިރު، ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތަކާއި ސައިބާ ކްރައިމްގެ މައްސަލަތަކާއި ހަމަނުޖެހުންތަކުގެ މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު