ކުޅުދުއްފުށި ސިޓީގެ ފުލޫ ކުލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވް ވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ސިޓީން ޕޮޒިޓިވްވީ އަލާމަތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި ދެ މީހެއް ކަމަށެވެ. އެއީ ދެ އަންހެނަކާއި ފިރިހެނެއް ކަމަށާއި އެ އެންމެންވެސް ޕޮޒިޓިވްވީ މިއަދު ކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވި ތިން މީހުންނަކީވެސް މިފަހުގެ ތާރީހެއްގައި ރަށުން ބޭރަށް ދަތުރުކޮށްފައިވާ ބައެއް ނޫން ކަމަށެވެ. އަދި އެމީހުންގެ ކޮންޓެކްޓު ޓްރޭސިން ހަދައި، ސާމްޕަލް ނަގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީ ހިމެނޭހެން އަތޮޅުތެރޭގެ 22 ރަށެއް މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ކުޅުދުއްފުށި ސިޓީގެ އިތުރުން ފ. ފީއަލިވެސް މިއަދު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.