މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރަތަކާއި ދެކޮޅަށް ރޭ މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން އަމަލުކުރި ގޮތް އެންޓި-ޓޯޗާ ގާނޫނުގެ ދަށުން ބަލާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ރޭ ބޭއްވި އެއްވުން ފެށީ ގާތްގަނޑަކަށް 20 ވަރަކަށް މީހުންނާއެކު ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަ ކުރާ ބޭނުން ކޮށްގެން ޝުއޫރު ފާޅުކުރުމަށްފަހު މުޒާހަރާގެ ބައިވެރިން ދެން މިސްރާބު ޖެހީ މަޖީދީ މަގަށެވެ. ނަމަވެސް ސަން ފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން އެއްވުމުގެ ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއެވެ.

ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް މޫނާ ދިމާކޮށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. އަދި އަންހެނަކު ފުރަގަހަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލައި މޫނަށް ޕެޕާ ސްޕްރޭ ޖަހާތަން ފެންނަ ވީޑިއޯ އާއި ފޮޓޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ހާލަތާ ނުބައްދަލަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެޗްއާރްސީއެމުން ކުރި ޓުވީޓެއްގައި ބުނީ އެއްވެއުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގަކަށްވާ އިރު އެ ހައްގުގެ ބޭނުން ކުރެވޭނެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭނެ ކަމަށެވެ. އަދި ރޭގެ ހާދިސާއާ ގުޅިގެން އެންޓި-ޓޯޗާ ގާނޫނުގެ ދަށުން އެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާނެ ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ އިރު، އެ މައްސަލަ ބަލައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މިއަދު ވަނީ އަމުރުކުރައްވައިފައެވެ.