އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ޖަހަން ވެކްސިން ސެންޓަރުތަކަށް ނުދެވޭ އުމުރުން ދުވަސްވީ މީހުންގެ ގާތަށް ގޮސް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށަން ހަމަޖައްސައިފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން މާލޭ ސަރަހައްދުން 72 އިންސައްތަ މީހުންނަށް އަދި އަތޮޅުތެރެއިން 68 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ވެކްސިން ޕްރޮގްރާމް މިހާރަށް ވުރެ ބާރަށް ކުރިއަށް ގެންދިއުމަށްޓަކަައި އިތުރު ޕްރޮގްރާމްތައް ރާވަމުން އަންނަ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އެގޮތުން ބަލި ހާލަތުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ވެކްސިން ޖަހަން ނުދެވޭ އުމުރުން ދުވަސްވީ މީހުންގެ ގެއަށް ގޮސް އެމީހުންނަށް ވެކްސިން ޖެހުމުގެ ކަންކަން ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެ ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މާލޭގެ ދޮށީ އުމުރުގެ މީހުންނަށް ވެކްސިން ޖެހޭނެ. ދަމަނަވެށީގެ ޕްރޮގްރާމްތައްވެސް އެބަ ހިންގާ. އަޅުގަނޑުމެން މިހާރު އޮޑިޓެއް ނަގާފައި އޮންނާނީ ކިތައް މީހުންތޯ ވެކްސިން ޖަހަން ނާދެވެނީ. އެމީހުން ގާތަށް ގޮސް ވެކްސިން ޖަހަން. އަޅުގަނޑުމެން އެ މަސައްކަތަށް އިތުރަށް ވެހިކަލްތައްވެސް ހޯދާފައިވާނީ. ދަމަނަވެށީގެ ދަށުން ހިންގާނީ" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ 1،400 އެއްހާ މީހުން މާލޭ ސަރަހައްދުގައި އެބައުޅޭ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ އެންމެންނަށް ވެކްސިން ދޭނެ ކަމަށެވެ.
ރާއްޖެއަކީ އެއްވެސް ވަރަށް ތަފާތުކުރުމެއް ނެތި ވެކްސިން ދެމުން އަންނަ ގައުމެއްކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ވެކްސިން ދޭނެ ކަމަށާއި ސަރުކާރުގެ ސްޓޭންޑަކީ، އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލަކުން ވެކްސިން ދިނުން ކަމަށެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަތަމަ ރާއްޖޭގައި ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް މިހާރު ރާއްޖޭގައި އަންނަނީ ކޮވިޝީލްޑް ހިމެނޭހެން ފައިޒާ އާއި ސިނޮފާމް ވެކްސިންވެސް ދެމުންނެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ފަށާފައިވަނީ ކޮވިޝީލްޑާއި ސިނޮފާމްގެއެވެ. ފައިޒާ ވެކްސިން ޖަހައިދެމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ވަކި ގިންތިތަކެއްގެ މީހުންނަށެވެ.
އަހުމަދު ނަސީމް (ކެރަފާ ނަސީމް)
އަހުމަދު ނަސީމް (ކެރަފާ ނަސީމް)
އަހުމަދު ނަސީމް (ކެރަފާ ނަސީމް)