ކުޅިވަރު

ސިޓީ ތަށްޓާ ގާތަށް، ޗެލްސީ ގަދަ ހަތަރެއްގެ އުންމީދުގައި

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ލީގު ތަށްޓާ ގާތަށް ޖެހިލިއިރު، ރޭ ކުޅުނު މެޗުން ފުލްހަމް ބަލިކޮށް، ޗެލްސީން ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ.

ސިޓީން ރޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފައިވާއިރު، މިރޭ މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ، ސިޓީއަށް ލީގު ތަށި ޔަގީން ވާނެއެވެ. މިދިޔަ ހަތަރު ސީޒަންގައި ސިޓީއަށް ތިންވަނަ ފަހަރަށް ލީގު ޔަގީންވުމާ ގާތަށް ޖެހިލާފައިވާއިރު، އެޓީމަށް މިހާރު ލިބިފައި ވަނީ 34 މެޗުން 80 ޕޮއިންޓެވެ. ޔުނައިޓެޑް ދެވަނައިގައި އޮތީ 33 މެޗުން 67 ޕޮއިންޓާ އެކުގައެވެ.

ސިޓީން ރޭގެ މެޗުގައި ޖެހި ދެ ގޯލް މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ޖަހާފައިވާއިރު، ގޯލްތައް ޖަހައިދިނީ ސާޖިއޯ އަގުއޭރޯގެ އިތުރުން ފެރަން ޓޮރެސްއެވެ.

ޕެލެސްއަށް ވެސް މެޗުގައި ގޯލް ޖެހުމަށް ފުރުސަތުތައް ލިބިފައިވެއެވެ. ފުރަތަމަ ހާފްގައި ކްރިސްޓިއަން ބެންޓެކޭއަށް ލިބުނު ފުރުސަތުގެ އިތުރުން ދެވަނަ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބާރު ހަމަލާ ފާހަގަކުރެވުނެވެ. ފުރަތަމަ ހާފްގެ ފުރުސަތު އޭނާ ނަގައިލިއިރު، ދެވަނަ ހާފްގައި ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ މަތަކުރީ ސިޓީ ގޯލްކީޕަރު އެޑަސަންއެވެ.

ރޭ ޗެލްސީން ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީއަށް މިހާތަނަށް ކުޅުނު 34 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ގަދަ ހަތަރަކަށް ވަނުމަށް ރޭގެ މެޗު ކޮންމެހެންވެސް އެޓީމަށް މުހިންމެވެ. ފަސްވަނައިގައި މިވަގުތު އޮތް ވެސްޓްހަމް އަށް 33 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ހަވަނައިގައި އޮތް ލިވަޕޫލަށް 33 މެޗުން ލިބިފައި ވަނީ 54 ޕޮއިންޓެވެ.

ޗެލްސީން މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، މެޗުގައި ޗެލްސީގެ އެޓޭކްލައިންގެ ތަފާތު ފާހަގަކޮށްލެވުނެވެ. ޓީމޯ ވާނާއި ހަކިމް ޒިޔެޗްގެ އިތުރުން މޭސަން މައުންޓްގެ ތަފާތު ފެނުނުއިރު، މެޗުން ޗެލްސީ މޮޅުވީ ޖަރުމަނުގެ ކައި ހަވާޓްސް ޖެހި ދެ ގޯލުންނެވެ.