މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މިރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ އާންމުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އެއްވުން ފެށީ ގާތްގަނޑަކަށް 20 އަކަށް މީހުންނާއެކު ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަ ކުރާ ބޭނުން ކޮށްގެން ޝުއޫރު ފާޅުކުރުމަށްފަހު މުޒާހަރާގެ ބައިވެރިން ދެން މިސްރާބު ޖެހީ މަޖީދީ މަގަށެވެ. ނަމަވެސް ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން އެއްވުމުގެ ބައިވެރިންނަށް ހުރަސް އެޅިއެވެ.
އެތަނުން އެއްވުމުގެ ބައިވެރިން ދެން މިސްރާބު ޖެހީ އަނެއްކާވެސް ރަސްފަންނާ ދިމާލުން ބޭރު މަގަށެވެ. ނަމަވެސް އެތަނުންވެސް ފުލުހުން ހުރަސް އެޅުމުން، އެއްވުމުގެ ބައިވެރިން އަނެއްކާ މަޖީދީ މަގަށް ނުކުތެވެ. މަޖީދީމަގުން ދުވެފައި ގޮސް އެއްވުމުގެ ބައިވެރިން ދެން ގޮސް ހުއްޓުނީ ގަޑިބުރަށް ދާން އޮންނަ މަގަށެވެ. އެތަނުގައި އެއްވުމުގެ ބައިވެރިން އިށީނެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިޔާ ބުނީ، އެތަނަށް އައި ފުލުހުން ދެން މަސައްކަތް ކުރީ އެއްވުމުގެ ބައިވެރިން ގެންގުޅެމުން ދިޔަ މެގަ ފޯން އަތުލުމަށް ކަމަށާއި އެކަން ކާމިޔާބު ނުވުމުން އެއްވުމުގެ ބައިވެރިއަކު ހައްޔަރުކުރަން އުޅުނު ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުމުން ހަމަނުޖެހުން އުފެދި، ޕެޕާ ސްޕްރޭ ބޭނުން ކުރި ކަމަށް ބުންޏެވެ. އަދި އޭރު ފުލުހުންގެ ހައްޔަރަށް ގެންދަން އުޅުނު އަންހެން މީހާގެ އަތުގައި އޮތީ ބިޑި އަޅުވާފައެވެ.
މީގެ އިތުރުން މުޒާހަރާ ކަވަރު ކުރަމުންދިޔަ ބައެއް ނޫސްވެރިންނަށްވެސް ފުލުހުން ހުރަސް އެޅި ކަމަށް ބުނެއެވެ. އަދި ބައެއް ނޫސްވެރިންނާ ދިމާލަށް އައުގުރާނަ ގޮވައި ހަޑި ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށްވެސް ނޫސްވެރިން ބުނެއެވެ.
މިރޭގެ އިހުތިޖާޖު ރޫޅާލައިފައި ވަނީ، ގަދަ ބާރުން ހާލަތާ ނުބައްދަލު ބޭނުންކޮށްގެން ކަމަށް އިހުތިޖާޖުގެ ބައިވެރިން ދެކޭ އިރު، އެކަމާ ގުޅިގެން ފުލުހުން ބުނީ އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބަލައި، އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އަދި މިރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހައްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ފުލުހުން ބާރުގެ ބޭނުން ކުރަން ގާނޫނު ހުއްދަކުރާ ހާލަތްތަކުގައިވެސް ބާރުގެ ބޭނުން ކުރަން ވާނީ އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިންނެވެ. އަދި މިރޭ ހިނގައިދިޔަ ހާދިސާގައި އެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ކަމެއް ހިންގާފައިވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.