ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު އދ. ދަނގެއްޗަށް ދިޔަ މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "ވަން" އަށް މިރޭ ވިދާޅުވީ، ދަނގެތިން ޕޮޒިޓިވްވި މީހާއަކީ ވެކްސިން ފުރިހަމަކޮށްގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ އެއްގޮތަށް ރަށަށް ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކައި، ހެދި ޓެސްޓަކުން ކަމަށް ވިދާޅުވިއެވެ.
ދަގަނތީ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ރަމްޒީ "ވަން" އަށް މިއަދު ވިދާޅުވީ، ޕޮޒިޓިވްވި މީހާއަކީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން މާލެއިން ރަށަށް ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ރަށަށް ދިޔައީ ވެކްސިންގެ ދެވަނަ ޑޯޒަށްފަހު 14 ދުވަސް ހަމަކޮށް އަދި ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
'ރޯގާގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ. ރަށަށް އައިސްގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެދާނެ. އޭނާއާ ކޮންޓެކްޓުވެފައި ތިބި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު މިއަންނަނީ ކުރަމުން،" ރަމްޒީ ވިދާޅުވިއެވެ.
މިދިިޔަ މަހުގެ 16 ވަނަ ދުވަހު އެޗްޕީއޭ އިން ނެރުނު އުސޫލުގައި ބުނެފަައިވާ ގޮތުން، އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ދެ ހަފުތާ ފަހުން ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.
ނަމަވެސް މިފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އެރަށެއްގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓަށް ބަލާނެ ކަމަށާއި އެގޮތުން ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައަށް ވުރެ މަތީ ރަށަކަށް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު