މިދިޔަ 24 ގަޑިއިރު ތެރޭ 465 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 29،835 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 193 މީހަކާއި އަތޮޅުތެރެއިން 242 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 25 މީހަކާއި ސަފާރީތަކުން ފަސް މީހުން ކަމަށެވެ.

މިއަދަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. ކޮވިޑުގެ އަދަދުތައް ކަންބޮޑުވާ މިންވަރަށް މަތީގައި އުޅޭތާ މިހާރު މިވަނީ ހަފުތާއެއް ވެފައެވެ. މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 319 މީހެކެވެ. ހޮނިހިރު ދުވަހު 218 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އާދީއްތަ ދުވަހު 253 މީހަކު ޕޮޒިޓިވްވިއެވެ. މިދިޔަ ހޯމަ ދުވަހު 328 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ އަންގާރަ ދުވަހު 386 މީހަކު ޕޮޒިޓިވްވި އިރު، ބުދަ ދުވަހު 464 މީހަކު ޕޮޒިޓިވްވިއެވެ. އަދި އިއްޔެ 318 މީހަކު ޕޮޒިޓިވްވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 72 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 24،775 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 4،978 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 146 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 73 މީހަކު ވަނީ މަރުވެފައެވެ. އެއީ 65 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެއް އަދި އިންޑިއާގެ މީހެކެވެ.