ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ވެކްސިން ދޭ ސެންޓަރުތައް މާދަމާ ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެހެންނަމަވެސް އެކަމުގެ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މެއި އެކެއްވާ ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ވެކްސިންދޭ ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. އެކަމާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ނަޒްލާ ރަފީގަށް ގުޅައި މެސެޖު ކުރުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20،000 މީހުން އަދިވެސް ވެކްސިން ނުޖަހާ އެބަތިބި ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވަނީ ވިދާޅުވެފައެވެ.

އެއާއެކު ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އެތައް ބަޔަކު ބޭނުންވެފައި ތިބި ނަމަވެސް އެކަން މި ފަހުން ވެފައި އޮތީ ބޮޑު ތަކުލީފަކަށެވެ. ވެކްސިން ސެންޓަރުތައް ކައިރީގައި އެތައް ގަޑިއިރެއް ކުރިން ދިގު ކިއުތައް ދަމާލަމުން ދިއުމާ ގުޅިގެން އޮންލައިންކޮށް ނަންބަރު ދޫކުރުމުގެ ނިޒާމެއް ގާއިމުކޮށްފައި އޮތް ނަމަވެސް އެކަން ފެއިލްވެ އިއްޔެ ވެސް ވަނީ އިރުއޮއްސުމުގެ ކުރިން ވެކްސިންދޭ މައި އެއް މަރުކަޒު ކަމުގައިވާ ސޯޝަލް ސެންޓަރު ކައިރީ ކިއު ދަމާލައިފައެވެ. އެއީ ރޭގަނޑު 8:00 ގައި ދޫކުރާ ނަންބަރު ނެގުމަށެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި 97،339 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 295،251 އަށް އަރައިފައެވެ.