އޭއެފްސީ ކަޕް

އޭއެފްސީން އަބަހާނީ ބޭރުކޮށްލީ!

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުޅެ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް މުބާރާތުން ވަކިވި ކަމަށް އޭއެފްސީން ބުނި ނަމަވެސް، އެ ކްލަބު ވަކިކޮށްލީ ކަމަށް ކްލަބުން ބުނެފިއެވެ.

އީގަލްސްއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެގައުމުގައި ކުޅުމަށް ހަމަޖެހިފައި އޮތް ޕްލިމިނަރީ ބުރުގެ މެޗު، ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މިމަހުގެ 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެގައުމު ފުރަބަންދަކަށް ދިޔުމުން މެޗު ފަސްކުރަން ޖެހިފައިވާ އިރު، ފަހުން އަބަހާނީގެ އެދުމަށް އެ މެޗު ނޭޕާލްގައި ކުޅެން ވަނީ މަސައްކަތްކޮށްފައެވެ.

މިމަހުގެ 21 ވަނަ ދުވަހު މެޗު ނޭޕާލްގައި ނުކުޅެވުމުން އިންޑިއާގައި ކުޅުމަށްވެސް އަބަހާނީން މަސައްކަތް ކޮށްފައިވާ އިރު، ބަންގްލަދޭޝްގެ ފުޓުބޯޅަ އަލުން މިއަދު ފަށާފައި ވަނިކޮށް އޭއެފްސީން ކުއްލި ގޮތަކަށް ނިންމީ އަބަހާނީ މުބާރާތުން ވަކިވުމާއެކު އީގަލްސްއަށް ޕްލޭ އޮފް ބުރުން ޖާގަ ލިބުނު ކަމަށެވެ.

ބަންގްލަދޭޝް ލީގު އަލުން މިއަދު ފަށާ އިރު، އިއްޔެ ނެރުނު ޝެޑިއުލްގައި އޭއެފްސީ ކަޕްގައި އަބަހާނީ ކުޅޭ މެޗަށް ވިސްނާފައިވެސް ވެއެވެ. އެހެން ނަމަވެސް އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަބަހާނީން މުބާރާތުން ވަކިވެފައިވާ ކަމަށެވެ. އޭއެފްސީން ބުނެފައި އަބަހާނީން މުބާރާތުން ވަކިވި ކަމަށް ބެލެވެނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހުރިހާ ކަމަކަށް ރަނގަޅަށް ބެލުމަށް ފަހު ބަންގްލަދޭޝް ލޮކްޑައުންގައި އޮތުމާއި ދަތުރުފަތުރުކުރުމަށް އެ ގައުމުގައި ހުރި ދަތިތަކަށް ބަލާފައިކަމަށް އޭއެފްސީ ސަބް ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން ރުޅިގަދަވެ، އަބަހާނީގެ މެނޭޖަރު ސަތިޔަޖިދު ދާސް ބަންގްލަދޭޝްގެ ނޫހަކަށް ބުނެފައިވަނީ މެޗު ކުޅުމަށް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އަބަހާނީން މަސައްކަތް ކުރި ކަމަށާއި، އެއްވެސް ވަރަކަށް އޭއެފްސީގެ ނިންމުން ބަލައިނުގަނެވޭ ކަމަށެވެ.

"މެޗު ކުޅެން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން މަސައްކަތް ކުރިން. އެކަމަކު އޭއެފްސީން އަހަރެމެން ބޭރުކޮށްލީ. އަދި ރަސްމީކޮށް ސިޓީއެއް ނުލިބޭ. އެކަމަކު ސިޓީ ލިބުނުހާ އަވަހަކަށް ތަފްސީލު ހާމަކުރާނަން. ތަފްސީލެއް ނޭނގެ އަބަހާނީ ބޭރުކޮށްލަން ޖެހޭ ސަބަބެއްގެ. އޭއެފްސީން ކަންކުރި ގޮތެއް ބަލައެއް ނުގަނެވޭ،" ދާސް ބުންޏެވެ.

އޭއެފްސީގެ ނިންމުމާއެކު އީގަލްސްއަށް ޕްލޭ އޮފް ޔަގީން ވެފައިވާ އިރު، އެ ޓީމުން މި ފެށޭ މަހުގެ 11 ވަނަ ދުވަހު ބެންގަލޫރު މެޗު ކުޅޭނީ މާލޭގައެވެ.