ނާކާމިޔާބެއް ލިބުމަކީ އެހެން މީހުން ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަބަބެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކާމިޔާބެއް ލިބުމަކީ ބޮޑާކަމާއި ކިބުރުވެރިކަން ދައްކައި، އެހެން މީހުން ނިކަމެތިކޮށް، ހައްގުތަކުން މަހުރޫމް ކުރަންވީ ސަބަބެއް ނޫން ކަމަށެވެ.
"އަދި ނާކާމިޔާބެއް ލިބުމަކީ، ގޮތް ހުސްވެ، މާޔޫސްވެ، ތިމާޔާއި ތިމާގެ ޖަމާއަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަބަބެއް ނޫން،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި މިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
އިމްރާން މިގޮތަށް ވިދާޅުވެފައިވާ އިރު، ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސަރަހައްދުން ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.
އެގޮތުން ކޯލިޝަނުގައި ހިމެނޭ އެންމެ ކުޑަ ޕާޓީ ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްއަށް ނިސްބަތްވާ ދެ ވަޒީރުންގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަކިކުރުމަށް ރައީސް މިހާރު ވަނީ ނިންމަވާފައި ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ޒަހާ ވަކިކޮށް އެ ވުޒާރާ ހިންގެވުމަށް އައްޔަނު ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދުކަން ވެސް ވަނީ އެނގިފައެވެ. ޑރ. ހުސައިން ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
ލޯކަލް ކައުންސިލް އިންތިހާބަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރުގެ އެތެރެއިން އިސްލާހު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ކޯލިޝަން ޕާޓުނަރުންނާއެކު މަޝްވަރާތައް ކުރިއަށްގެންދަވާ ކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ 'ވަން' އަށް ވިދާޅުވެފައެވެ. އެދި އެކަމުގެ ތަފްސީލުތައް ކުރިއަށް ހުރި ދުވަސްތަކުގައި ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު