އޭއެފްސީ ކަޕް

އަބަހާނީ މުބާރާތުން ވަކިވުމުން އީގަލްސް ޕްލޭ އޮފްއަށް، ނުކުންނަން ޖެހޭނީ ބެންގަލޫރު އެފްސީއާ ދެކޮޅަށް

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުޅެ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް މުބާރާތުން ވަކިވުމާ ގުޅިގެން އީގަލްސްއަށް ޕްލޭ އޮފް ބުރުން ޖާގަ ލިބިއްޖެއެވެ.

ކޮވިޑް 19ގެ ހާލަތުން ގޯހުން ގޯހަށް ގޮސް ބަންގްލަދޭޝް ފުރަބަންދަކަށް ދިއުމާއެކު އެ މެޗު ލަސްކޮށްފައިވެސް ވާއިރު، އަބަހާނީން ފުރަތަމަ އެދުނީ އެ މެޗު ނޭޕާލްގައި ކުޅޭނެ ގޮތެއް ފަހިކޮށްދިނުމަށެވެ. އަބަހާނީ އޭއެފްސީއަށް އެދިފައިވަނީ ގައުމު ފުރަބަންދަށް ދިއުމުގެ ސަބަބުން އީގަލްސްއަށް އެގައުމަށް އެތެރެވާން އުނދަގޫތަކަކާ ކުރިމަތިވާނެތީ ނިއުޓްރަލް ތަނަކަށް މެޗު ބަދަލުކޮށްދިނުމަށެވެ.

މެޗު އަނެއްކާ ފަހުންވެސް ފަސްކޮށްފައިވާ އިރު، އޭގެ ފަހުން އޭއެފްސީން މަސައްކަތް ކުރީ އިންޑިއާގައި މެޗު ކުޅުމަށެވެ. އެހެންނަމަވެސް އިންޑިއާގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެ އެކަންވެސް ނުވިއެވެ.

ބަންގްލަދޭޝް ލީގު އަލުން މިއަދު ފެށޭ އިރު، އިއްޔެ ނެރުނު ޝެޑިއުލްގައި އޭއެފްސީ ކަޕްގައި އަބަހާނީ ކުޅޭ މެޗަށް ވިސްނާފައިވެސް ވެއެވެ. އެހެން ނަމަވެސް އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަބަހާނީން މުބާރާތުން ވަކިވެފައިވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހުރިހާ ކަމަކަށް ރަނގަޅަށް ބެލުމަށް ފަހު ބަންގްލަދޭޝް ލޮކްޑައުންގައި އޮތުމާއި ދަތުރުފަތުރުކުރުމަށް އެ ގައުމުގައި ހުރި ދަތިތަކަށް ބަލާ އިރު، އޭއެފްސީގެ ސަބް ކޮމިޓީއަށް ގަބޫލުކުރެވިފައި ވަނީ އަބަހާނީއަށް ދެން މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް ނެތިގެން މުބާރާތުން ވަކިވީ ކަމަށެވެ.

2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފައިނަލުގައި ވާދަކުރި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އީގަލްސްއިން އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުގައި ނުކުންނަ އިރު، އަންނަ މަހުގެ 11 ވަނަ ދުވަހު މާލޭގައި ކުޅޭ އެ މެޗުން ކުރި ލިބޭ ޓީމަކަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިިބޭނެއެވެ.

ސަރަހައްދުގެ ގަދަބާރެއް ކަމަށްވާ ބެންގަލޫރުން އޭއެފްސީ ކަޕްގައި މިހާތަނަށް ރާއްޖޭގެ ކްލަބުތަކާ ދެކޮޅަށް 10 މެޗު ކުޅެފައިވެއެވެ. އެއީ މާޒިޔާއާ ދެކޮޅަށް ހަ މެޗާއި ނިއު ރޭޑިއަންޓާ ދެކޮޅަށް ދެ މެޗާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މެޗެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން ވެސް ބެންގަލޫރު އޮތީ ފުރިހަމަ ރެކޯޑަކާ އެކުއެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އެއީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އަތުންނާއި މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން މާޒިޔާ އަތުންނެވެ.