ސްޕެނިޝް ލަލީގާ

އެއްވަނައަށް އަރަން ލިބުނު ފުރުސަތު ބާސާއިން ބޭކާރު ކޮށްލައިފި

ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ގްރެނާޑާ އަތުން ބަލިވެ، ތާވަލުގެ އެއްވަނައަށް އަރަން އޮތް ފުރުސަތު ނަގާލައިފިއެވެ.

މިރޭގެ މެޗު ބާސާއަށް މުހިއްމުވީ ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑް އެންމެފަހުން އެތުލެޓިކް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި އޮތުމުންނެވެ. އަދި މިވަގުތު ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އެންމެފަހުން ކުޅުނު މެޗުން އެއްވަރުވެފައި އޮތް އިރު، މިރޭގެ މެޗުން ބާސާ މޮޅުވިނަމަ، ބާސާ އެއްވަނައަށް ޖެހިލީހެވެ.

އެއްވަނައިގައި އޮތް އެތުލެޓިކޯއަށް 33 މެޗުން 73 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލް ދެވަނައިގައި މިވަގުތު އޮތީ 33 މެޗުން 71 ޕޮއިންޓާއެކުގައެވެ. މިރޭގެ މެޗުން ގެއްލުނު ތިން ޕޮއިންޓާއެކު ބާސާއަށް 33 މެޗުން ލިބިފައި ވަނީ 71 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ދެން ބާކީ އޮތީ ފަސް މެޗެވެ.

މެޗު ފެށިގެން ލީޑު ނެގީ ބާސާއިންނެވެ. އެންޓޮއިން ގްރީޒްމަންގެ ޕާހަކުން ލިއޮނަލް މެސީ ބާސާއަށް ލީޑު ނަގައިދިން އިރު، އެއަށްފަހު ބާސާއިން ވަނީ ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލައިފައެވެ. ދެވަނަ ހާފު ފެށިގެން ޑާވިން މަޗިސް ގްރެނާޑާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވާ އިރު، ގްރެނާޑާއަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔާ ޖޯޖު މޮލީނާއެވެ.

ބާސާއަށް ތަށި ހޯދުމަށް ދެން އޮތް އެންމެ ބޮޑު މެޗަކީ އެތުލެޓިކޯއާ ދެކޮޅަށް އެޓީމުން އަންނަ މަހު އަށްވަނަ ދުވަހު ކުޅޭ މެޗެވެ. މިރޭގެ މެޗުން މޮޅުވިނަމަ، އެ މެޗުގެ ކުރިން ބާސާއަށް މުހިއްމު ލީޑެއް ނެގުނީހެވެ.