ކޮވިޑް 19ގެ ހާލަތު ބަންގްލަދޭޝްގައި ގޯސްވުމުން މެދުކަނޑާލި ފުޓުބޯޅައިގެ ހަރަކާތްތައް އަލުން ފަށަން އިއުލާންކޮށްފިއެވެ.

ލީގުގެ މެޗުތައް މާދުމާ ފެށުމަށް އިއުލާން ކޮށްފައިވާ އިރު، އެގައުމުގައި މިވަގުތުވެސް އޮތީ ފުރަބަންދުގެ ހާލަތެކެވެ. 13 ޓީމު ހިމެނޭ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ކުޅުން އަލުން އިއުލާންކޮށްފައި ވަނީ ބާރު ބޮޑު ޝެޑިއުލެއްގައެވެ. އެގޮތުން ގައުމުގައި އިއުލާންކޮށްފައި އޮތް ފުރަބަންދުގެ ހާލަތު މޭ ފަސްވަނަ ދުވަހު ނިމެންދެން ކޮންމެ ދުވަހަކު ތިން މެޗު ލީގުގައި ކުޅޭނެއެވެ.

ބަންގްލަދޭޝްގެ ފުޓުބޯޅަ އިދާރާއިން ޝެޑިއުލް އިއުލާންކޮށްފައި ވަނީ އީގަލްސްއިން އޭއެފްސީ ކަޕް ޕްލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިސްނައިފައެވެ. ރާއްޖޭގައި ކުޅުނު މެޗު އީގަލްސްއިން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އަބަހާނީއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުޅެން އޮތް މެޗު ފަސްވީ ހާލަތު ތަން ނުދިނުމުގެ ސަބަބުންނެވެ.

ބަންގްލަދޭޝްގެ ފެޑަރޭޝަނުން ނެރެފައިވާ ޝެޑިއުލްގައި ބުނެފައިވާ ގޮތުން އީގަލްސްއާއި އަބަހާނީ ކުޅޭ މެޗު، އަންނަ މަހުގެ 5، 7 ނުވަތަ 11 ވަނަ ދުވަހު ކުޅުނު ނަމަވެސް، އެ ތާރީހެއްގައި ކުޅޭ ލީގު މެޗު، އެ މަހުގެ 23، 26 ނުވަތަ 30 ވަނަ ދުވަހަށް ބަދަލުކުރެވޭނެއެވެ.

މިދިޔަ މަހު 14 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝް އެއްކޮށް ފުރަބަންދުކުރަން ސަރުކާރުން ނިންމުމާއެކު، އަބަހާނީން ފުރަތަމަ އެދުނީ އެ މެޗު ނޭޕާލްގައި ކުޅޭނެ ގޮތެއް ފަހިކޮށްދިނުމަށެވެ. އަބަހާނީ އޭއެފްސީއަށް އެދިފައި ވަނީ ގައުމު ފުރަބަންދަށް ދިއުމުގެ ސަބަބުން އީގަލްސްއަށް އެގައުމަށް އެތެރެވާން އުނދަގޫތަކަކާ ކުރިމަތިވާނެތީ ނިއުޓްރަލް ތަނަކަށް މެޗު ބަދަލު ކޮށްދިނުމަށެވެ.

އެ މެޗު ދެ ފަހަރަކަށް ފަސްކޮށްފައިވާ އިރު، އޭގެ ފަހުން އޭއެފްސީން މަސައްކަތް ކުރީ އިންޑިއާގައި މެޗު ކުޅުމަށެވެ. އެހެންނަމަވެސް އިންޑިއާގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން ބެލެވޭ ގޮތުގައި އޭއެފްސީން އަނެއްކާވެސް މަސައްކަތް ކުރާނީ ބަންގްލަދޭޝްގައި މެޗު ކުޅުމަށެވެ.