މިދިޔަ 24 ގަޑިއިރު ތެރޭ 318 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 29،370 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 142 މީހަކާއި އަތޮޅުތެރެއިން 130 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 33 މީހަކާއި ސަފާރީތަކުން އަށް މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށަކުން މީހެއް އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުން ހަތަރު މީހުން ކަމަށެވެ.
މިިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ކޮވިޑު އަދަދުތައް އުޅެނީ ކަންބޮޑުވާ މިންވަރަށް މަތީގައެވެ. މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 319 މީހެކެވެ. ހޮނިހިރު ދުވަހު 218 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އާދީއްތަ ދުވަހު 253 މީހަކު ޕޮޒިޓިވްވިއެވެ. އަދި ހޯމަ ދުވަހު 328 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އަންގާރަ ދުވަހު ޕޮޒިޓިވްވީ 386 މީހެކެވެ.
ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ވަނީ 464 މީހަކު ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 128 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 24،703 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 4،585 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 134 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 73 މީހަކު ވަނީ މަރުވެފައެވެ. އެއީ 65 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެއް އަދި އިންޑިއާގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު