ރެއާލް މެޑްރިޑް

ވޯޓު ފޮށި ކައިރީގައި މަސައްކަތް ކުރަން ޖެހޭތީ މާސެލޯއަށް ދެވަނަ ލެގު ގެއްލިދާނެ

ސްޕެއިންގެ އާންމު އިންތިހާބުގައި ވޯޓު ފޮށި ކައިރީގައި ހަރާކްތެރިވާން ޖެހޭތީ ރެއާލް މެޑްރިޑް ޑިފެންޑަރު މާސެލޯއަށް ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ދެވަނަ ލެގު ގެއްލިދާނެ ކަމަށް ރެއާލްއިން ބުނެފިއެވެ.

އާންމު އިންތިހާބުގައި މެޑްރިޑްގައި ވޯޓުލުން އޮންނަނީ މޭ ހަތަރެއްވާ އަންގާރަ ދުވަހުއެވެ. ރެއާލްއިން ޗެލްސީއާ ދެކޮޅަށް ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައި އޮތް އިރު، ޗެލްސީ ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންގާރު ދުވަހުއެވެ.

ސްޕެއިންގެ އާންމު ގަވާއިދު ބުނާގޮތުން އެގައުމުގެ ކޮންމެ ރައްޔިތަކުވެސް، އިލެކްޓޯރިއަލް މަރުކަޒުން ނިންމައިފިނަމަ ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާން ޖެހޭނެއެވެ. އެ ދުވަހަށް 65 ޔޫރޯ ކޮންމެ ރައްޔިތަކަށްވެސް ސަރުކާރުން ދޭ ގޮތަށް އެކަން އޮންނަ އިރު، މީހުން ނަގަނީ ވަކި ތަރުތީބެއް ނެތިއެވެ. 2011 ވަނަ އަހަރުން ފެށިގެން މާސެލޯ ސްޕެއިންގެ ރަށްވެއްސެއްގެ ގޮތުގައި އެގައުމުގައި ދިރިއުޅެމުން އަންނަ އިރު، އޭނާއަށް އެ އެންގުމަށް އަމަލުކުރަން މަޖުބޫރުވާނެއެވެ.

މާސެލޯއަށް ދެވަނަ ލެގު ކުޅުމަށް އިނގިރޭސިވިލާތަށް ދެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބެލުމަށް ރެއާލްއިން ވަނީ އިންތިހާބު ކަންކަމާބެހޭ ފަރާތްތަކަށް ހާއްސަ ރިކުއެސްޓެއް ކޮށްފައެވެ. ސްޕެއިންގެ ނޫހެއް ކަމަށް އެލް މުންޑޯއިން ބުނެފައިވާ ގޮތުން މާސެލޯ ފޮނުވަން އިދާރާތަކުން އެއްބަސްވެފައެއް ނުވެއެވެ.

މީގެ ކުރިންވެސް ސްޕެއިން ކުޅުންތެރިއަކަށް މެޗެއް އޮތް ދުވަހަކު އިންތިހާބު ކަންކަމުގައި މަސައްކަތް ކުރަން ޖެހި، އެފަދަ މައްސަލައެއް ވަނީ އިދާރާތަކަށް ހުށަހަޅައިފައެވެ. ލެވަންޓޭގެ ގޯލްކީޕަރަކަށް 2019 ވަނަ އަހަރު ކުޅުނު އައިޓޯ ފެނާންޑޭޒް ބިލްބާއޯއާ ދެކޮޅަށް ކުޅެން އޮތް މެޗަށް، އިންތިހާބު ޑިއުޓީއާ ހެދި އޭނާއަށް ނުދެވެން އޮތުމުން ލެވަންޓޭއިން ވަނީ އެ މައްސަލަ ކޮމިޓީއަށް ހުށަހަޅައިފައެވެ. އެފަހަރު އިންތިހާބީ ކޮމިޓީން ވަނީ ފެނާންޑޭޒްއަށް ކުޅުމަށް ފުރުސަތު ދީފައެވެ.