ޓޮޓެންހަމްއާއެކު ތައްޓެއް ނުލިބި އެތައް ދުވަހެއް ވާން ޖެހުމަކީ މާޔޫސް ކަމެއް ކަމަށް އިންގްލެންޑް ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.
ޓޮޓެންހަމްގެ އެކަޑެމީން ވިދާލި ކޭން ސީނިއާ ޓީމަށް އައިސް ކްލަބު ކާމިޔާބީގެ މަގަށް ގެންދަން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިދިޔަ ހަތަރު ވަރަކަށް ސީޒަންގައިވެސް ޕްރިމިއާ ލީގުގައި އެންމެ މޮޅުކޮށް ފާހަގަކޮށްލެވޭ އެއް ފޯވަޑް، ކޭންއާއެކު އެޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލަކަށްވެސް ދަތުރު ކޮށްފައިވާ އިރު، އެންމެފަހުން މީގެ ހަފުތާއެއް ކުރިން ބަލިވީ ލީގު ކަޕް ފައިނަލަކުންނެވެ.
މިދިޔަ 13 އަހަރުވެސް ޓޮޓެންހަމްއަށް ތައްޓެއް ލިބިފައިނުވާ އިރު، ކޭންއަށް ވަނީ ތަފާތު އިންޑިވިޖުއަލް އެވޯޑުތައް ލިބިފައެވެ. އެގޮތުން މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލަންޑަން ފުޓްބޯލް އެވޯޑުން ކޭންއަށް ދީފައިވާ އިރު، އެ ހަފްލާއަށްފަހު ކޭން ބުނެފައިވަނީ ޓީމަށް ތަށި ނުލިބުމަކީ މާޔުސް ކަމެއް ކަމަށެވެ.
"އިންޑިވިޖުއަލް އެވޯޑުތަކަކީ ވަރަށް ރަނގަޅު ކަމެއް. ކެރިއަރު ނިންމާފައި ބަލައިލާއިރު އެވޯޑުތަކަށް ބަލައިލާ މުހިއްމު ކަންކަން ހަނދާން ކޮށްލެވޭނެ. އެކަމަކު މިހާރު އުންމީދަކީ ޓީމު ޓްރޮފީއެއް. އަހަރެމެން ޓީމަށް މިވަގުތު އެކަމެއް ނުކުރެވޭ. އަހަރެން ބޭނުން ފުޓުބޯޅައިގައި ހާސިލުކުރެވޭނެ އެންމެ މަތީ ޓީމު ތަށިތައް ހޯދަން،" ޓޮޓެންހަމްއަށް ނިސްބަތްކޮށް ކޭން ބުނެފައިވެއެވެ.
ކޭން ބުނެފައިވަނީ އިނގިރޭސިވިލާތުގެ އެންމެ ވަރުގަދަ ޓީމުތަކާ ވާދަކޮށްލުމަށްވެސް ޓޮޓެންހަމްއަށް އަދި އެތައް ކަމެއް ދަސްކޮށް، މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަން ސިޓީއާއެކު ކުޅުނު ފައިނަލުންވެސް ފެންނާނެ ކަމަށެވެ. މިހާރު ފޯކަސް ހުރީ ވަރުގަދަކޮށް ސީޒަން ނިންމާލުމަށް ކަމަށް ކޭން ބުނެފައިވާ އިރު، ގިނަ މީޑިއާތަކުން ބުނެފައިވަނީ ކޭން ދިން މެސެޖަކީ މި ސީޒަނަށްފަހު ބޮޑު ޓީމަކަށް އޭނާ ބަދަލުވާން ބޭނުންވާ ކަމަށް ދިން މެސެޖެއް ކަމަށެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ