ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހާއި، އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ ފަލަސްތީނާއި އިސްރާއީލުގެ ޕާލިމަންޓުގައި ތަގުރީރު ކުރައްވަން ސިޓީ ލިބިވަޑައިގެންފައި ވީ ނަމަވެސް ވަކި ގޮތަކަށް އަދި ނުނިންމަވާ ކަމަށެވެ.

އެކަމުގައި އެމަނިކުފާނު އަމަލު ކުރައްވާނެ ގޮތެއް ނިންމަވާނީ ވީހާވެސް ގިނަ ބަޔަކާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާންވީ ދިމާ،" ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި ފަލަސްތީނު ރައްޔިތުންނަށް ދައުލަތެއް ހައްގު ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ އެއްވެސް މެންބަރަކު ވެސް އެކަމާ އިންކާރު ނުކުރައްވާނެ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންނަށް އެއްވެސް ގޮތަކަށް އެހީތެރިކަމެއް ދެއްވެން އޮތް ނަމަ، ދިވެހީން އެދޭނީ އެގޮތަށް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.