ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާ އާއި ކްލަބު އީގަލްސް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ވެލެންސިއާއަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. ހަތަރުވަނައިގައި އޮތް އީގަލްސްއަށް 13 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. މިރޭގެ ނަތީޖާއާއެކު ވެލެންސިއާއާ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތީ ހަ ޕޮއިންޓުގެ ފަރަގެވެ. މާޒިޔާއަށް މި ބުރުގައި އަދި ބާކީ މެޗެއް އެބައޮތެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތައް ގިނަކޮށް ފެނުނީ ވެލެންސިއާއެވެ. އީގަލްސްގެ ހާފު ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވެލެންސިއާއިން ކުޅެފައިވާ އިރު، ގޯލެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭރިއާ ބޭރުން ހާފުގެ މެދެއްހާ ހިސާބުން އީގަލްސްގެ ކުޅުންތެރިޔަކު ބީޓް ކޮށްލުމަށްފަހު ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޭގެ ފަހުން ވެލެންސިއާއަށް ލިބުނު ކޯނަރަކުން ބޯހާސް މާޓިން ޖެހި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ތާހާ މުހައްމަދު މަތަކޮށް ބޭރުކޮށްފައިވާ އިރު، އަނެއްކޮޅުން އީގަލްސް ނުރައްކާ ކުރީވެސް ކޯނަރުތަކުންނެވެ. ޖެހިޖެހިގެން ދެ ކޯނަރެއްގައި އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ބޮލުން ފޮނުވާލި ހަމަލާތައް ފާހަގަކުރެވުނެވެ.

ފުރަތަމަ ހެޑިންގައި ގޯލްކީޕަރުވެސް ބީޓް ވެގެން ގޮސްފައިވާ އިރު، އެ ބޯޅަ ގޯލަށް ވަނަ ނުދީ ހިފެހެއްޓީ ވެލެންސިއާގެ އީރާން ޑިފެންޑަރު ޕޫލާދީއެވެ. ދެވަނަ ފަހަރަށް ބޮލުން ޖެހި ބޯޅަ މަތަކުރީ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. މިރޭގެ މެޗަށް ޗެކު ނުކުތީ އާންމުކޮށް ފުރަތަމަ 11 އިން ޖާގަ ހޯދަމުން އަންނަ މުހައްމަދު ފައިސަލްއަށް އެންމެ ފަހުން ވެލެންސިއާއިން ކުޅުނު މެޗުގައި އަނިޔާވުމުންނެވެ.

މިރޭގެ މެޗު ވެލެންސިއާއިން ފެށީ ތަޖުރިބާކާރު ޑިފެންޑަރު އަކުރަމް އަބްދުލްޣަނީވެސް ފުރަތަމަ 11 ގައި ނުހިމަނައެވެ. އޭނާ ދެވަނަ ހާފަށް ކުޅެން ނުކުމެފައިވާ އިރު، މެޗުގެ ފަހު 30 އަކަށް މިނެޓުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އެކަށީގެންވާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

މިރޭގެ މެޗަކީ ވެލެންސިއާއިން ދެވަނަ ބުރުގައި ކުޅުނު ފަހު މެޗެވެ. ލީގުގެ ދެވަނަ ބުރުގައި ދެން ބާކީ އޮންނާނީ އެންމެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އީގަލްސްއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ.