ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 76 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 76 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 24،575 އަށް އަރާފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 464 މީހެކެވެ. އެއީ މާލެ ސަރަހައްދުން 207 މީހަކާއި އަތޮޅުތެރެއިން 146 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 14 މީހަކާއި ސަފާރީތަކުން ތިން މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށަކުން މީހެއް އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުން 93 މީހެކެވެ.

މިއަދުވެސް މިވަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ކޮވިޑު އަދަދުތައް އުޅެނީ ކަންބޮޑުވާ މިންވަރަށް މަތީގައެވެ. މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 319 މީހެކެވެ. ހޮނިހިރު ދުވަހު 218 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އާދީއްތަ ދުވަހު 253 މީހަކު ޕޮޒިޓިވްވިއެވެ. އަދި ހޯމަ ދުވަހު 328 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ޕޮޒިޓިވްވީ 386 މީހެކެވެ.

މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 4،396 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 122 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 73 މީހަކު ވަނީ މަރުވެފައެވެ. އެއީ 65 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެއް އަދި އިންޑިއާގެ މީހެކެވެ.