ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 186 މައްސަލައެވެ. ނަމަވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ 215 މައްސަލަ ހުށަހަޅައިފައެވެ.
މިދިޔަ މަހު ޖެންޑާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލައެވެ. އެގޮތުން އެފަދަ 84 މައްސަލައެއް ހުށަހަޅާފައިވެއެވެ. ނަމަވެސް އޭގެ ކުރީ މަހު އެފަދަ 92 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި ޖިންސީ ހާނިއްކައިގެ 18 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ހަތަރު މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ ހުށަހަޅާފައިވެއެވެ.
ޖެންޑާއިން ބުނީ ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 14 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ގެއިން ނުކުމެގެން ދިއުމުގެ ތިން މައްސަލައާއި ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލައާއި ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ މައްސަލައެއް ކަމަށެވެ.
މިދިޔަ މަހު ޖެންޑާއަށް ވަނީ ހައްގުތަކުން ކުޑަކުދިން މަހްރޫމްކުރުމުގެ މައްސަލައެއްވެސް ހުށަހަޅައިފައެވެ. އެކި ބާވަތުގެ ކުށްކުރާ ކުދިންގެ ހަތަރު މައްސަލައެއް ހުށަހަޅާފައިވާ އިރު، އާއިލީ 27 މައްސަލައެއްވެސް ޖެންޑާއަށް މިދިޔަ މަހު ހުށަހަޅައިފައިވެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގެވެށި އަނިޔާގެ 47 މައްސަލައެއްވެސް މިދިޔަ މަހު ވަނީ ޖެންޑާއަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 22 މައްސަލައަކާއި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 19 މައްސަލައަކާއި ޖިންސީ ހާނިއްކަ ކުރުމުގެ ދެ މައްސަލައަކާއި ފުރައްސާރަކުރުމުގެ ދެ މައްސަލައަކާއި އިހުމާލުވުމުގެ މައްސަލައަކާއި ފާރަލުމުގެ މައްސަލައެއް ހިމެނެއެވެ.
ޖެންޑާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީއަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 23 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ 15 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު