ޚަބަރު

ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު މަދަރުސާގެ ހޯލު އިމާރާތްކުރުން އަވަސްކުރަން ގޮވާލި ގަރާރު ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު މަދަރުސާގައި މަލްޓި ޕާޕަސް ހޯލު އިމާރާތްކުރުން އަވަސް ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައި ނުގަނެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ގަރާރު ހުށަހަޅުއްވަމުން ފަޒުލް ވިދާޅުވީ، ވ.ފެލިދޫގައި ހުންނަ ވ. އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތްކުރުމަށް 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާ އަދި މި އަހަރުވެސް ބަޖެޓް ކުރެވިފައިވާ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ފެށުމަށްފަހު ހުއްޓިފައިވާތީ އާއި ދެ ފަހަރެއްގެ މަތިން ކޮންޓްރެކްޓަރުން ހަމަޖައްސައިގެންވެސް އެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން ވ. ފުލިދޫގައި ހުންނަ ވ. އަތޮޅު މަދަރުސާގައި މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމަށް 2020 ވަނަ އަހަރާއި މިއަހަރުވެސް ބަޖެޓު ކުރެވިފައިވާ މަސައްކަތް ފެށިފައިނުވާތީ ސްކޫލަށާއި ދަރިވަރުންނަށް ދަތިތައް ދިމާވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ގަރާރު މަޖިލީހަށް ބަލައި ގަންނަން ފެނޭތޯ ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 25 މެންބަރުން ވޯޓު ދެެއްވިއެވެ. ގަރާރު ބަލައި ގަތުމަށް ބޭނުން ވަނީ 15 ވޯޓެވެ.