ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ (ޓީއޭސީ) މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ވަޒީރުންގެ މަޖިލީހުގެ އެމަނިކުފާނަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.

އެ މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޓީއޭސީއަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގައި ހިމެނޭ މެންބަރު ގައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރި މުއާހަދާއެކެވެ. މި މުއާހަދާ އެކުލަވާލާފައި ވަނީ އާސިއާންގެ ގައުމުތަކުގެ މެދުގައި ގާއިމުކުރެވިފައިވާ ގުޅުންތައް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަގުސަދުގައެވެ.

އޭގެ ތެރޭގައި ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި މުއާހަދާގައި ބައިވެރިވާ އާންމު ފަރާތްތަކުގެ މަސްލަހަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަން ޖެހޭނެއެވެ.