ރިޕޯޓް

ވީ އެއްވެސް ކަމެއް ހަނދާނެއް ނެތް، ބޭނުންވަނީ ފުރާނަ ސަލާމަތްކޮށްދިން އެކުވެރިޔާއާ އަވަހަށް ބައްދަލުވާން: ޝިފާޒް

ރިފާ ހަލީލު

5

މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެކުވެރިންނާއެކު ދަގަނޑު ޖަހައިގެން މަސް ހިފަން، ފ. ނިލަންދޫ، އަހުމަދު ޝިފާޒް ދިޔައީ އެހެން ދުވަސްތަކާ އެއްގޮތަށެވެ. ވަކި ތަފާތެއް ނެތެވެ. ހަމަ އެ އެކުވެރިންނެވެ. ރޯދަ މަސް ފެށުނީއްސުރެ ހާދިސާ ހިނގި ދުވަހާ ހަމަޔަށް މި އެކުވެރިން ކޮންމެ ދުވަހަކުވެސް މެންދުރު ނަމާދު ފަހުން މަސް ހިފަން ދެ އެވެ.

ހޯމަ ދުވަހު މަހަށް ފުރީ ހަތް މީހުންނެވެ. އޭގެ ތެރޭގައި އަބަދުމެ އެކުގައި އުޅެ ދެ ރައްޓެހިންވެސް ހިމެނެ އެވެ. ހުކުރު ދުވަސް ފިޔަވައި މި އެންމެންވެސް ކޮންމެ ދުވަހަކު މަސް ހިފަން ދެ އެވެ. ނަމަވެސް ތަފާތު ކަމަކީ އެ ދުވަހު މަހަށް ފުރި އިރު އެންމެންވެސް ޓާގެޓް ކޮށްގެން ތަންކޮޅެއް ފަލަ މަސް ހިފާން ކަމެވެ.

ޝިފާޒާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޖަޒްލީން މުހައްމަދާއި އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ފަރުހާދު އިސްމާއިލް (ފަރޭ) އާއި އެހެން ހަތަރު އެކުވެރިން އެދުވަހު ދިޔައީ އެހެން ދުވަސް ދުވަހު ނުދާހާ ފުން ހިސާބަކަށެވެ.

ހާދިސާ ހިނގައި ދިޔަގޮތް ފަރޭ ވަނީ ވަރަށް ތަފުސީލުކޮށް "ވަން" އާ މިއަދު ހިއްސާކޮށްފަ އެވެ. މި ވަގުތު ނިލަންދޫގައި ހުރި ފަރޭ "ވަން" އާ ފޯނުން ވާހަކަ ދައްކަމުން ބުނީ އެ ދުވަހު މަހަށް ފުރީވެސް ފަލަ މަސް ހިފަން ޓާގެޓް ކޮށްގެން ކަމަށެވެ. އަދި އާންމުކޮށް މަސް ހިފަން ދަނީ ތަންކޮޅެއް ތިލަ ހިސާބަކަށް ނަމަވެސް އެ ދުވަހު ދިޔައީ ފުން ހިސާބަކަށް ކަމަށެވެ. ނަމަވެސް އެނގޭ މައުލޫމާތެއް ވިއްޔާ ހުރިހާ އެކުވެރިންނަށް ކިޔައިދީފައިވާނެ ކަމަށް ފަރޭ ބުންޏެވެ.

ފަރޭ ބުނީ އެ ސަރަހައްދުގައި އާދަޔާ ހިލާފަށް މަސް ގިނަކަން އެ ދުވަހު ފާހަގަ ކުރެވުނު ކަމަށެވެ. އެހެންކަމުން ވަރަށް ބޮޑަށް އެކަމަށް ދެވި ހިފާފައި ވުމުން ވަރަށް އަޑިން ފެނުނު މަސްތައް ހިފަންވެސް ފީނި ކަމަށެވެ.

"އެދުވަހު ދިޔަ ސަރަހައްދުން އާދަޔާ ހިލާފަށް ފަލަ، ބޮޑެތި މަސްތައް ފެނުނު. އެކަތި ހިފާ ތަނުން އަނެއް މަސް މި ފެންނަނީ އެއަށްވުރެ ފުނުން. އަބަދު މަސް ހިފަން އުޅޭތީ ހުންނާނީ އެޑިކްޓް ވެފަތާ. އެހެންވެ ހަމަ މޮޔަވީ އެންމެންވެސް. ފުނުގަ ތިބޭ އެއްޗިއްސަށްވެސް ޖެހިން." އޭނާ ބުންޏެވެ.

ފަރޭ ބުނީ އެ ދުވަހު މަސް ހިފަން ފޭބީ އެކަކުވެސް ދުރަށް ނުދިޔުމަށް ނަސޭހަތްދީ އެންމެންވެސް ކައިރީގައި ތިބުމަށް އެދުނު ކަމަށެވެ. ޝިފާޒާއި ޖަޒްލީން އަދި އޭނާ އަކީ ތަންކޮޅެއް ފުނަށް ފީނޭ މީހުން ކަމުން އެމީހުން އުޅުނީ ތަންކޯޅެއް އަޑީގައި ކަމަށާއި ދެން ތިބި މީހުންވެސް އަޑު އިވޭ ހިސާބު ކައިރީގައި ތަންކޮޅެއް މަތީގައި ތިބި ކަމަށެވެ. އެއްވެސް މީހަކު މާދުރަކަށް ނުދެއެވެ.

ހާދިސާ ހިނގި ގޮތާއި ޝިފާޒް އަޑިއަށް ދިޔަ ގޮތް:

ފަރޭ ބުނި ގޮތުގައި ޝިފާޒް އަޑިއަށް ދިޔައީ އޭނާ ދަގަނޑު ޖެހި މަހެއް، ދަގަނޑާއެކު ގަލެއްގެ ތެރެއަށް ވަނުމުންނެވެ. އޭރު ޖަޒްލީން އާއި ޝިފާޒް ތިބި ހިސާބަށްވުރެ ކުޑަ ތަންކޮޅެއް މަތީގައި އޭނާ ވެސް އޮތް ކަމަށް ފަރޭ ބުންޏެވެ.

"މިވީ ގޮތަކީ މަސް ހިފަމުން ގޮސް މާފުނަށް ދެވުނީމަ އަހަރެންގެ ނޭފަތް ފަޅައިގެން ގޮސްގެން ވަރަށް ބައިވަރު ލޭ އަންނަން ފެށީމަ އަހަރެން އެރީ މައްޗަށް. އެކަމަކު އެހާ މައްޗަކަށް ނޫން. އޭރު ޖަޒްލީން އާ ޝިފާޒް އުޅޭ ދަގަނޑާއެކު ގަލަށް ވަން މަސް ނެގޭތޯ. ޖަޒްލީން ހުރީ ދަގަނޑުގަ ޖަހާފަ އޮތް ވާ ކައިރީގަ. ގަލަށް ވަން މަސް އިނީ ގަލުގެ އަނެއްކޮޅުން ނިކުމެފަ. ދެން ދަގަނޑު ނައްޓަން އުޅެ އުޅެ ނުނެއްޓުނީ، އަހަރެން ބުނެފިން ބުރި ކޮށްލާނީ އޭ. އަރާށޭ މައްޗަށް. ބުނީމަ މައްޗަށް އަރާފަ ވަޅި ހިފައިގެން ޝިފާޒް އަނެއްކާ ނައްޓާލީ. އެކަމަކު އޭރުވެސް ބުނިން ބަހައްޓާށޭ. ޑައިވިން ކުރާ މީހަކު ލައްވައި ފަހުން ދަގަނޑު ނައްޓާލާނީ އޭ. ބުނީމަވެސް ޝިފާޒް ނައްޓާލައިފި." އޭނާ ބުންޏެވެ.

ފަރޭ ބުނީ ޝިފާޒް އާ އެކީ ކަހަލަ ގޮތަކަށް އޭނާ އާއި ޖަޒްލީންވެސް ފީނި ކަމަށެވެ. ނަމަވެސް ޝިފާޒް ފީނިހާ ފުނަށް ނުދާ ކަމަށާއި އެ ދެމީހުން ފެންނަ ހިސާބު މަތީގައި އޮތީ ކަމަށެވެ.

"އެހެން އޮއްވާ ޝިފާޒް ގޮސް ދަގަނޑު ވާ ބުރި ކޮށްލީ. ބުރި ކޮށްލި ތަނުން މަސް ދޫވެގެން ވަރުދެރަވާ ކަހަލަ ގޮތަކަށް ދާން ފެށީމަ ޝިފާޒް މަސް ފަހަތުން ނައްޓާލީ. ފުރަތަމަ ހިފިތަނުން ދޫވީމަ އަނެއްކާވެސް މަސައްކަތް ކުރި. އެކަމަކު ނުހިފުނު. ދެން މަޑު މަޑުން ޝިފާޒް ސަޖިދަ އަށް ދާ ކަހަލަ ގޮތަކަށް ހަބަރު ހުސްވާތަން ފެނޭ. އަތް ނަގަންވެސް މަސައްކަތް ކުރި އެކަމަކު އެ ހިތްވަރެއް ނެތް. ދެން ޖަޒްލީން ވަގުތުން ފީނައިފި ޝިފާޒް އޮތް ދިމާލަށް. އެއީ ގާތްގަނޑަކަށް 25 މީޓަރު ވަރު އަޑި. ދެން ޝިފާޒް ފެއިންޓް ވެފަ އޮތީމަ ފުދޭ ވަރަކަށް ބަރު. އަހަރެން ބުނިން މަރުވިޔަސް އޭނާ ބާއްވާފަ ނުދާނަމޭ. އޭރު އަހަރެންގެ ނޭފަތުން ވަރަށް ގަދަޔަށް ލޭއައިސް ބޮލުގަ ރިއްސާތީ މާ އަޑިއަށް ދެވޭ ގޮތެއް ނުވި. ދެން ޖަޒްލީން ވަރަށް ހިތްވަރު ކޮށްފަ ވާ އައްސާލީ ޝިފާޒް އަތުގަ. ދެން އަހަރެން ފީނިން ވާ އަތުޖެހޭ ހިސާބަށް. ގޮސް ވަލުގަ ހިފީ." އެ ދުވަހުގެ ހާދިސާ ތަފުސީލު ކޮށްދެމުން ފަރޭ ބުންޏެވެ.

ޖަޒްލީނާއި ދެމީހުން ކުރި މަސައްކަތުން ޝިފާޒް ކޮންމެވެސް ވަރަކަށް މައްޗަށް ނެގުނު ކަމަށާއި ކައިރީގައި ދެން ތިބި ކުދިންނަށް ގޮވައި ދޯނި އަތުޖެއްސޭތޯ މަސައްކަތް ކުރި ކަމަށްވެސް ބުންޏެވެ. އޭރު ދޯނި އޮތީ ވިއްސަކަށް ފޫޓު ދުރުގައި ކަމަށާއި ނަމަވެސް މަދު ވަގުތު ކޮޅެއް ތެރޭ ދޯނިވެސް އެ ހިސާބަށް ކައިރި ކުރި ކަމަށް ބުންޏެވެ. އަދި އެންމެންގެ އެހީތެރިކަމާއެކު ޝިފާޒް ފެނުން މައްޗަށް ނަގައި ދޯންޏަށް ނެގި ކަމަށާއި ޖަޒްލީންވެސް އޭރު ޝިފާޒް އާއެކު އަޑީގައި އޮތުމުގެ ސަބަބުން ވަރަށް ވަރުބަލިވެފައިވާ ކަމަށް ބުނި ކަމަށް ފަރޭ ބުންޏެވެ.

ޖަޒްލީންވެސް ނަގައި ބޮޔެއް ކައިރީގައި ބޭންދުމުން އޭނާ އަމިއްލަޔަށް ދޯންޏަށް އަރައި ޝިފާޒަށް ސީޕީއާރު ދިން ކަމަށް ވެސް ފަރޭ ބުންޏެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޖަޒްލީންވެސް އެއްކޮށް ބްލެކް އައުޓްވީ ކަމަށް ބުންޏެވެ. ފަރޭ ބުނީ އެވަގުތު ވަރަށް ބޮޑަށް ގޮތް ހުސްވެ ރޮވުނު ކަމަށެވެ. ނަމަވެސް ދޯނީގައި ތިބި ކުދިންގެ އެހީތެރިކަމާއެކު ޝިފާޒަށް ސީޕީއާރް ދީ މެޔަށް ޕަންޕު ކޮށް ހެދި ކަމަށާއި އަދި އޭގެ ފަހުން ޝިފާޒްގެ އަނގައިން ފޮނު ބޭރުވެ ނޭވާލާން ފެށި ކަމަށްވެސް ބުންޏެވެ.

"އަހަންނަށް ވީ ގޮތަކީ ޝިފާޒަކީ އަހަރެންގެ ކޮއްކޮއެއް. އަދި އަބަދު އެކުގަ އުޅޭ މީހެއްވީމަ. އޭނަޔަށް ވީ ގޮތް ވަރަށް ގާތުން ފެނުނީމަ ވަރަށް ބޮޑަށް ރޮވުނު. އެކަމަކު ހިތްވަރު ކޮށްފަ ވަލުގަ ހިފާ ޝިފާޒް މައްޗަށް ނަގައި ސީޕީއާރް ދީ ނޭވާލާން ހެދީމަ ހިތްހަމަޖެހުނު. ވާ އޮތީވެސް ފާޑަކަށް. ނޭނގެ ޖަޒްލީން އެވާ ޝިފާޒް އަތުގަ އެއްސި ގޮތެއްވެސް. ފާޑެއްގެ ގޮށެއް ޖެހީ. އޭނާއަކަށްވެސް ނޭނގޭ ގޮށް ޖެހުނު ގޮތެއްވެސް. ޖަޒްލީންގެ ހިތްވަރުން އަސްލު ޝިފާޒުގެ ފުރާނަ ސަލާމަތްވީ. އެކަމަކު ހުރިހާ ކުދިން ވެސް ވަރަށް ހިތްވަރު ކުރި. ޖަޒްލީން ދޯންޏަށް އަރައި ޝިފާޒް އަތުގަ ހިފައިގެން ހުރެފަ ބުނީ ވިންދު އެބަހުއްޓޭ. ސީޕީއާރް ދޭށޭ." އޭނާ ބުންޏެވެ.

ފަރޭ އިތުރަށް ބުނީ ޝިފާޒް މައްޗަށް ނެގުމުގައި ގާތްގަނޑަކަށް ހޭދަވާނީ ތިން މިނިޓު ކަމަށާއި ނަމަވެސް ރަށުން ލޯންޗެއް އަންނަން ވަގުތު ނެގި ކަމަށެވެ. އެކަމަކުވެސް ޝިފާޒްގެ ހާލު ރަނގަޅުވުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.

ފަރޭ ބުނީ މިހާދިސާ ހިނގި ދުވަހު ޝިފާޒްގެ ފަރާތުން އާދަޔާ ހިލާފު ކަމެއް ފާހަގަ ކުރެވުނު ކަމަށެވެ. އެގޮތުން އެހެން ދުވަސްދުވަހު މަސް ހިފުމުގައި ހުންނަ އަވަސްކަމެއް އޭނާގެ ފަރާތުން ނުފެންނަ ކަމަށެވެ. އަދި އަޑިއަށް ދާން ނުދާން، ދެ ހިޔާލެއްގައި ވަރަށް ގަދައަށް ވިސްނަން ހުރެފައި ނޫނީ އެ ދުވަހު އޭނާ އަޑިއަށް ވެސް ނުދާކަން ފާހަގަވި ކަމަށް ފަރޭ ބުންޏެވެ.

އެދުވަހު ވީ އެއްވެސް ކަމެއް ޝިފާޒް ހަނދާނެއް ނެތް

ހާލު ސީރިއަސްވުމުގެ ސަބަބުން ނިލަންދޫން ދެވޭނެ ފަރުވާއެއް ނެތިގެން އިމަޖެންސީގައި ޝިފާޒް މާލެ ފޮނުވާލި އެވެ. އޭރުވެސް ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އައިޖީއެމްއެޗަށް ގެނެސް އައިސީޔޫގައި ފަރުވާދޭން ފެށި އިރު އޮކްސިޖަން ލެވެލް ހުރީ 40ގައި ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. ނަމަވެސް މަޑުމަޑުން އޮކްސިޖަން ލެވެލް ރަނގަޅުވެ އަމިއްލައަށް ނޭވާލުމަށް މަސައްކަތް ކުރަމުން ދިޔަކަމަށް ވެސް އާއިލާއިން ކުރީން ބުންޏެވެ. އެންމެ ފަހުން ހާލު އިތުރަށް ރަނގަޅުވެ، ރޭގެ ވަގުތެއްގައި ޝިފާޒް ވަނީ އަސީޔޫ އިން ވޯޑަށް ބަދަލުކޮށްފަ އެވެ.

އައިޖީއެމްޗްގެ ސާޖިކަލް ވޯޑުގެ އެނދެއްގައި އޮވެގެން "ވަން"އަށް ދިން އިންޓަވިއުއެއްގައި ޝިފާޒް މިއަދު ބުނީ އެ ދުވަހުގެ ހާދިސާގައި ހިނގި އެއްވެސް ކަމެއް އޭނާ ހަނދާން ނުވާ ކަމަށެވެ. ނަމަވެސް މަހަށް ދިޔަ ހަނދާން ވާ ކަމަށެވެ.

"އެދުވަހު މަސް ހިފަން ދިޔަކަން އެނގޭ. އިތުރު އެއްވެސް ކަމެއް ހަނދާނެއް ނުވޭ." އޭނާ ބުންޏެވެ.

ޝިފާޒް ބުނީ ސީދާ ވީ ގޮތް ނޭނގުނަސް ކޮންމެވެސް ވަރަކަށް މީހުން ކިޔައިދިން ވާހަކަތަކުން ފުރާނަ ސަލާމަތް ކުރީ އެންމެ ގާތް އެކުވެރިޔާ، ޖަޒްލީން ކަން އެނގޭ ކަމަށެވެ. އަދި ޖަޒްލީނަށް ހަމައެކަނި ޝުކުރު އަދާކުރުމަކުން ނުފުދޭނެ ކަމަށްވެސް ބުންޏެވެ.

"ޖަޒްލީން އާ ވަރަށް ބައިވަރު ވާހަކަ ދައްކަން ބޭނުން. އަބަދުވެސް އެކުގަ ދެ މީހުން އުޅެނީ. ހުރިހާ ގަޑިއެއްގަވެސް ދެ މީހުން އެއްކޮށް ބޭރުން ފެންނާނީ. ހަމައެކަނި ޝުކުރު އަދާ ކުރިޔަކަސް ނުފުދޭނެ. ވަރަށް އަވަހަށް ބައްދަލު ކުރަން ބޭނުން." ފެންކަޅިވެފައި އޮވެ ޝިފާޒް ބުންޏެވެ.

ޝިފާޒް ބުނީ މަސް ހިފަން އުޅުމުގެ ތެރޭގައި އެހާ ފުނަށް ފީނައިގެން ލިބޭ ގެއްލުމާއި ވާނެ ގޮތްތަކާ ބެހޭ މާ ބޮޑު މައުލޫމާތެއް ނޭނގޭ ކަމަށެވެ. އެކަމަކު ދެން އެ ފަދަ ކަމެއް ކުރާނީ ހުރިހާ މައުލޫމާތެއް ލިބިގެން ކަމަށްވެސް ބުންޏެވެ.

ޝިފާޒްގެ ހާލަތު މަޑު މަޑުން ރަނގަޅުވަމުން އަންނަ އިރު ފުއްޕާމެއަށް ފެން އެޅިފައިވާ ކަން ނޫން އެހެން ހުރިހާ ކަމެއް އަދި ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ހޭވެރިކަން އައުމާއެކު ބޭނުންވީ ޖަޒްލީނަށް ގުޅަން

ޝިފާޒަށް ހޭވެރިކަން ވީ ހާދިސާ ހިނގިތާ 24 ގަޑި އިރަށްވުރެ ގިނަ އިރު ވީ ފަހުންނެވެ. ހޭ އެރުމުން، ހާދިސާގައި ކަން ވީ ގޮތް އޮޅުންފިލުވަން ވަރަށް ބޮޑަށް ބޭނުންވި ކަމަށް ޝިފާޒް ބުންޏެވެ.

އެކަމަކު މިވަގުތު ޝިފާޒުގެ ހާލަތު ހުރި ގޮތުން ހުރިހާ ވާހަކައެއް އޭނާއަށް ކިޔައިދޭން އެއްވެސް މީހަކު ބޭނުމެއް ނުވެ އެވެ.

ޝިފާޒަށް ހޭވެރިކަން އައީ ރޭގެ ވަގުތެއްގަ އެވެ. އޭރު ނިލަންދޫ ހޮސްޕިޓަލްގައި ޖަޒްލީނަށް ވެސް އައީ ފަރުވާދެމުންނެވެ. ޖަޒްލީންގެ ހާލު ރަނގަޅެވެ. ފަރޭ ބުނިގޮތުގައި ޝިފާޒަށް ހޭވެރިކަން އައުމާ އެކު ޖަޒްލީނަށް ގުޅިއެވެ. އަދި އެވަގުތު ފަރޭވެސް ޖަޒްލީނާ އެއްކޮށް ހުރުމުން ދެއްކި ވާހަކަތައް އަޑު އިވުނު ކަމަށްވެސް ބުންޏެވެ.

"ޝިފާޒް ގުޅި ޖަޒްލީނަށް. އޭރު ފަރޭވެސް އެތާ ހުރީ. ދެން ފޯނު ނެގުމުގެ ކުރިން ޖަޒްލީން ގާތު ބުނިން އޭނާ ސުވާލު ކުރިއަސް ކިޔައި ނުދެއްޗޭ. އަދި އޭނާ މެންޓަލީ ފިޓެއް ނުވާނޭ. ބުނެފަ ފޯނު ނަގައިން ދެ މީހުން ވާހަކަ ދައްކަން ފެށީމަ ބުނީ، ފަރޭ އާ ޖަޒްލީން އަކީ ތިމަންނަ އެންމެ އިތުބާރު ކުރާ ދެ މީހުންނޭ. އެހެންވީމަ ދޮގު ނަހަދާ ބުނާށޭ ވީ ގޮތް. ބުނީމަ ދެން އަހަރުމެނެއް ނުކިޔައިދެން އޭރު. ޖަޒްލީން ފެށީ ރޯން އޭރު ޝިފާޒުވެސް ރޯއަޑު އިވޭ." ދެ އެކުވެރިންގެ މެދުގައި ދެކެވުނު ވާހަކަތައް ހިއްސާ ކުރަމުން ފަރޭ ބުންޏެވެ.

ޖަޒްލީނުގެ ހާލު ރަނގަޅުވެ މިއަދު ހެނދުނު އޭނާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށް ފަރޭ ބުންޏެވެ. ނަމަވެސް ގެއަށް ދިޔުމުގެ ބަދަލުގައި އެންމެ ފުރަތަމަވެސް ޖަޒްލީން ބެލީ ނިލަންދޫން ދެން އެންމެ އަވަހަށް މާލެ ދަނީ ކޮން އެއްޗެއްތޯ އާއި ފުރާނެ ގަޑިއެއް ކަމަށް ފަރޭ ބުންޏެވެ. އެހުރިހާ ކަމެއް ބަލާފައި މާދަމާ ފުރަން އޮތް އެތިން މާލެ ދިޔުމަށް ޖަޒްލީން ޓިކެޓް ވެސް ނަގާފައިވާ ކަމަށް ފަރޭ ބުންޏެވެ.

އެކަނި މަސް ހިފަން ގޮސް އުޅުމުގެ ތެރޭގައި ބްލެކު އައުޓު ވެގެން މީގެ ކުރިން ރާއްޖޭގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު މީހަކާ އެކު މަސް ހިފުމަށް ފްރީ ޑައިވް ކުރުމުގެ ތެރޭގައި ވެސް ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.

އެހެން ކަމުން މަސް ހިފަން އުޅޭ މީހުންނަށާއި ފްރީ ޑައިވް ކުރާ މީހުންވެސް އޭގެ ފުރިހަމަ މައުލޫމާތު ހޯދައިގެން ނޫނީ ޑައިވް ނުކުރުމަށް ޝިފާޒާއި ފަރޭ ނަސޭހަތްތެރި ވިއެވެ.