ކުޅިވަރު

އަވޭ ގޯލަކާއެކު ރެއާލްއާ އެއްވަރުކޮށް، ޗެލްސީ ގަދަކޮށް

މުޙައްމަދު ޝަމްޢޫން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި ޗެލްސީން 1-1 އިން ރެއާލް މެޑްރިޑާ އެއްވަރު ކޮށްފިއެވެ.

ރެއާލްއިން މިހާރު ކުޅެމުން އަންނަ ހޯމް ގްރައުންޑް، އެސްޓާޑިއޯ އަލް ފްރެޑޯ ޑި ސްޓެފަނޯއަށް ވެހެމުންދިޔަ ބޯ ވާރޭގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާއިރު، ޗެލްސީއަށް ފައިދާއަކަށްވީ އަވޭ ގޯލެވެ. މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައިރު، ހަމަލާތައް އުފެއްދުމުގައި ބޮޑަށް ފާހަގަވީ ޗެލްސީއެވެ.

މެޗުގެ ކުރީކޮޅުގައި ޗެލްސީގެ ނުރައްކާ ބޮޑުކޮށް ފާހަގަކުރެވިފައި ވެއެވެ. ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައި ޓީމޯ ވާނާއަށް ކުޑަ އޭރިއާ ތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ރެއާލް ގޯލްކީޕަރު ތީބޯ ކޯޝުއާ ހުޝިޔާރުކަމާއެކު މަތަކޮށް ބޭރުކޮށްލި ނަމަވެސް އޭގެ ހަތަރު ވަރަކަށް މިނެޓް ފަހުން ޗެލްސީން ލީޑު ނެގިއެވެ.

ކްރިސްޓިއަން ޕުލިސިޗް އޭރިއާ ތެރެއަށް ވަދެ ރެއާލްގެ ގޯލްކީޕަރުވެސް ނައްޓައިލުމަށްފަހު ކުރިއަށް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ކަމާ އެކުގައެވެ. އެ ގޯލަށް ފަހުވެސް ޗެލްސީން ރެއާލްގެ ފަހަތަށް ނުރައްކާ ކޮށްފައިވެއެވެ. ކުރިއަށް ޖެހި ޗެލްސީން ވަރުގަދައަށް ކުރަމުންދިޔަ އެޓޭކްތަކާ އެކުވެސް އެޓީމަށް އިތުރު ގޯލެއް ނުޖެހުނީ ގިނަ ފުރުސަތުތަކެއް ބޭނުން ނުހިފި ދިއުމުންނެވެ.

އަނެއްކޮޅުން ރެއާލްގެ ތަރި ބެންޒެމާގެ ނުރައްކާ ބޮޑެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދަނޑިއަށް އަމާޒިވެފައިވާއިރު، ހާފް ނިމުމުގެ ކުރިން އޭރިއާ ތެރޭގައި ހުރެ ވެއްޓިލާފައި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި ބެންޒެމާ ވަނީ ނަތީޖާ ހަމަހަމަވެސް ކޮށްދީފައެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ހުރި ރާމޯސް މެޗު ބަލަން ގޮސް އެކަހެރިވެ އިނދެ ޓީމަށް ވަރަށް ބޮޑަށް ހިތްވަރު ދިންތަން ރޭ ފެނިގެން ގޮސްފައި ވާއިރު، އަންނަ ހަފްތާ ތެރޭގައި ޗެލްސީ ދަނޑުގައި ކުޅޭ މެޗު އޮންނާނެއެވެ. އެ މެޗަށް ރާމޯސް އަންނާނެ ކަމަށް ބެލެވެއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ އޮންނާނީ އަންނަ މަހު އިސްތާންބޫލްގައެވެ.