ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލައި، 100،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއް އަދި 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ދިހަ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އެ ވައްކަން ކޮށްފައިވަނީ އޯކިޑް މަގުގައި ހުންނަ އެމްއެންއެސްއެލް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އާރުޑީސީގެ އޮފީސް ފެންލައިޓު ހަލާކު ކޮށްލައިގެން ވަދެ ކަމަށް މައުލޫމާތު ލިބެއެވެ.