އއ. މަތިވެރިން 46 މީހަކާއި ކ. މާފުށިން 62 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މާފުށިން ޖުމުލަ 62 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 205 އަށް އަރައިފައެވެ.

މަތިވެރިންވެސް މިއަދު ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އެރަށުން މިއަދު 46 ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 171 އަށް އަރައިފައެވެ.

މާފުށީ ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މާފުށިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މާފުށި ޖަލުންވެސް ވަނީ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މަތިވެރިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ފުރަތަމަ ކޮންޓެކްޓް ޓްރޭސިން އިން ވެސް ދިހަ މީހަކު ވަނީ އެރަށުން ޕޮޒިޓިވްވެފައެވެ.

މަތިވެރި ކައުންސިލުން މީގެ ކުރިން ބުނިގޮތުގައި، އެރަށަށް ބަލި ފެތުރުނީ އެރަށަށް ދިޔަ އިންޑިއާ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އަނބުރާ ގައުމަށް ދިއުމަށް މީގެ ދެ ހަފުތާ ކުރިން ނެގި ސާމްޕަލުންނެވެ. އެ ކޭސްއާ ގުޅިގެން އޭނާ ހުރި ގެސްޓްހައުސް މޮނީޓާކޮށް، އެތަނުން ހަތަރު މީހަކާއި އެ ފަތުރުވެރިޔާއާ ކޮންޓެކްޓުވި މީހަކު ޕޮޒިޓިވްވި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.