ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 78 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 78 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 24،499 އަށް އަރާފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 386 މީހެކެވެ. އެއީ މާލެ ސަރަހައްދުން 105 މީހަކާއި އަތޮޅުތެރެއިން 198 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން ހަ މީހެއް އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުން 77 މީހެކެވެ.

މިއަދުވެސް މިވަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ކޮވިޑު އަދަދުތައް އުޅެނީ ކަންބޮޑުވާ މިންވަރަށް މަތީގައެވެ. އިއްޔެ ވެސް 328 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހުކުރު ދުވަހު 319 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ހޮނިހިރު ދުވަހު 218 މީހަކު ޕޮޒިޓިވްވިއެވެ. އަދި މިދިޔަ އާދީއްތަ ދުވަހު 253 މީހަކު ޕޮޒިޓިވްވިއެވެ.

މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 4،009 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 119 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 71 މީހަކު ވަނީ މަރުވެފައެވެ. އެއީ 64 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.