ބަޔާން މިއުނިކާއެކު މިދިޔަ ސީޒަންގައި ހުރިހާ ޓްރޮފީއެއް ކާމިޔާބު ކުރި ކޯޗު، ހާންސީ ފްލިކް މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލަން ނިންމާފައިވުމާއެކު އެ މަގާމަށް އާރްބީ ލެއިޕްޒިގްގެ ޒުވާން ކޯޗު ޖޫލިއަން ނަގެލްސްމަން ގެންނަން ހަމަޖައްސައިފިއެވެ.

ނަގެލްސްމަން ބަޔާންގެ ކޯޗުކަމާ ހަވާލުވާނީ މި ސީޒަނަށްފަހުއެވެ. އެ މަގާމާ އުމުރުން 33 އަހަރުގެ ނެގެލްސްމަން ހަވާލުވާނެކަން ބަޔާން މިއުނިކުން ވަނީ ރަސްމީކޮށް އިއުލާންވެސް ކޮށްފައެވެ.

ނަގެލްސްމަން އަކީ މިހާރު ދުނިޔޭގެ އެންމެ ގިނަ ކުލަބުތަކުން ފާރަލަމުންދާ އެއް ކޯޗެވެ. ޒުވާން ކޯޗު ވަނީ ޔޫރަޕުގެ އިތުރުން ޖަރުމަނު ލީގުގައިވެސް ލެއިޕްޒިގަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ލެއިޕްޒިގާއެކު ނަގެލްސްމަން ދަތުރު ކޮށްފައިވާ އިރު، ކޯޗިންގެ އާ ޖީލެއްގެ ފެށުމަށް ނަގެލްސްމަން ވާނެ ކަމަށް ބަޔާން ރައީސް ހަބާޓް ހައިނާ ވަނީ ވިދާޅުވެފައެވެ.

ލެއިޕްޒިގާއެކު ނަގެލްސްމަން ކޮންޓުރެކްޓުގައި ހުރުމުން ބަޔާންއަށް ވަނީ ބޮޑު އަދަދެއް އެ ކުލަބަށް ދައްކަން ޖެހިފައެވެ. އެގޮތުން ކޮންޓުރެކްޓުގައި ބުނެފައިވާ ގޮތުން 20 މިލިއަން ޕައުންޑު ބަޔާން އިން ވަނީ ލެއިޕްޒިގަށް ދައްކައިފައެވެ. އުމުރުން 28 އަހަރުގައި ކޯޗިން ކެރިއަރު ފެށި ނަގެލްސްމަން ވަނީ 2016 ވަނަ އަހަރު ހޮފެންހަމްއާއެކު ބަންޑަސްލީގާ ތާރީހުން ޖާގަ ހޯދައިފައެވެ. އޭނާ ވެފައިވަނީ އެ ލީގުގެ ތާރީހުގައި އެންމެ ޒުވާން ކޯޗަށެވެ.

ބަޔާންގެ ކޯޗުކަމުގައި ކާމިޔާބު ސީޒަނެއް ހޭދަ ކުރި ފްލިކް އެ މަގާމު ދޫކޮށްލީ ގައުމީ ޓީމާ ހަވާލުވާން ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިއަހަރުގެ ޔޫރޯއަށްފަހު ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޮކިމް ލޯ އެ މަގާމުން ދުރަށްދާނެ ކަމަށް އޭނާ ބުނެފައިވާ އިރު، އެންމެ ބޮޑަށް ގައުމީ ޓީމުގެ ކޯޗުކަމަށް ވާދަކުރަނީ ފްލިކެވެ.