ފުލުހުންގެ މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، އަލުން އޭނާއަށް ވަޒީފާ ދީފިއެވެ.
އޭނާއަށް އަލުން ވަޒީފާ ދިނީ، ސުލްރީމް ކޯޓުގެ ހުކުމާ ގުޅިގެން އޭނާ ވަޒީފާ ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާގައި ދައުލަތުން އެއްބަސްވެގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރިޓެންޑެންޓުގެ ރޭންކާ އެކު، ވަޒީފާ ދިނުމުން އަދުނާން މިހާރު ވަޒިފާގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
އަދުނާން ކުރިން ހުރި ވަޒީފާ އަލުން ދޭން ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަންގައި، ދައުލަތުން ވަނީ ވަޒީފާ އިޔާދަކޮށްދިނުމާ ގުޅޭގޮތުން އަދުނާނާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ދެ ފަރާތުން އެއްބަސްވި ގޮތަށް މިމަހުގެ ފަސްވަނަ ދުވަހު ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމްކުރެއްވީ ތިން މަސް ދުވަހުގެ ތެރޭގައި ވަޒީފާ އިޔާދަކޮށްދިނުމަށާއި އެއް އަހަރުގެ މުސާރަ ކަމަށްވާ 354،708 ރުފިޔާ ވެސް އެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރުން އަދާކުރަމުން ގޮސް ހަލާސްކުރުމަށެވެ.
ސުޕްރިޓެންޑެންޓެއްގެ މަގާމުގައި ހުންނަވަނިކޮށް އަދުނާން ވަޒީފާއިން ވަކިކުރީ އޮގަސްޓް، 2012 ގައި ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތުގެ ނަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ނެރުނު ރިޕޯޓެއްގައި އޭނާ ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން 2014 ގައި ހުކުމް ކުރިޔަސް، ހައި ކޯޓުން 2018 ވަނަ އަހަރު ވަނީ އެ ހުކުމް ބާތިލުކޮށް، އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ ޖެނުއަރީ މަހުގެ 13 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު