މޮރިޝަސްގެ ކުންފުންޏެއް ކަަމަށްވާ ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރާ "ވަން ސެންޓްރަލް ޕާކް" ރެސިޑެންސް ފްލެޓްތަކުގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހަދާ އެ ފްލެޓުތަކުގެ ބިންގާ އެޅީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ) އެވެ.

މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި އަސޯޓެކް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުލާތީއެވެ.

ވަން ސެންޓްރަލް ޕާކް ރެސިޑެންސްގައި 120 އެޕާޓްމަންޓު ހުންނަ އިރު ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އާއި ކޮންމެ ކޮޓަރިއެއްގައި ފާހާނާވެސް ހުންނަނާނެއެވެ. މީގެ އިތުރުން އެތަނުގައި ޖިމަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ސެކިއުރިޓީގެ ހިދުމަތް ލިބޭ އިރު އެންޓްރަންސް ލޮބީއެއްވެސް ހުންނާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ މަޝްރޫއުއަކީ ގިނަ އަހަރުތަކެއް ވަންދެން ނުފެށި އޮތް މަޝްރޫއުއެއް ކަމަށާއި މަޝްރޫއުގެ ކޮންޓްރެކްޓަރަކަށް ދިވެހި ކުންފުންޏެއް ހަމަޖެއްސުމުން އުފާ ކުރައްވާ ކަމަށެވެ.

"އާރުސީސީއަކީ ބިލްޑިން ކޮންސްޓްރަކްޝަނުގައި ރާއްޖޭގެ ތިބި ކޮންޓުރެކްޓަރުންގެ ތެރެއިން އެންމެ އިސް ސަފުގައި އުޅޭ ކޮންޓުރެކްޓަރެއް. އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބަ އޮތް އާރުސީސީއަށް މި މަސައްކަތް ހަލުވިކަމާއެކުގައި ކުރިއަށް ގެންދެވޭނެ ކަމުގެ،" އަސްލަމް ވިދާޅުވިއެވެ.

އާރްސީސީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި އެ ފްލެޓްތަކަށް ވަދެވޭވަރުވާނެ ކަމަށާއި ފްލެޓެއްގެ އަގަކީ 2.2 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ދެއްކޭނެ ކަމަށް ވިދާޅުވިއެވެ.