ސަރުކާރުން ފައިސާ ޗާޕްކޮށް، ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ފައިސާ ބެހުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރު ކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު ޕީޕީއެމްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައި ނުގަނެވި އިގްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ވަގުތެއްގައި އަދި އާއްމު ރައްޔިތުންގެ އެތައް ބައެއްގެ ވަޒީފާ ގެއްލި، ގެދޮރު ގެއްލި މަސްވެރިން ބާނާ މަސް ނުކިރި މަހަށް އަގު ނުލިބި އެތައް އާއިލާއެއް ނިކަމެތިވެފައިވާއިރު ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ސަރުކާރުން ފައިސާ ޗާޕް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ފައިސާ ޗާޕްކޮށް މި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ނިންމަމުންދާ ކަމަށާއި، ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި ކޯޓުން ބޭރުން ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް ކޮމިޓީގެ ތެރެއިން އެއްވެސް ކަހަލަ ބެލުމެއް ނެތި ބޮޑެތި އަދަދުތަކުން ބައެއް ފަރާތްތަށް ފައިސާ ދޭން ނިންމަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުން ނިކަމެތި ހާލުގަިއ ތިއްބައި، އެތައް މިލިޔަން ރުފިޔާ ބަދަލުގެ ގޮތުގައި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް އެގޮތަށް ނަގައިދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށް ވާތީ އާއި ރައްޔިތުންގެ ފައިސާއަކީ، ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން ބޭނުން ކުރަން ޖެހޭ ފައިސާއަކަށް ވާތީ އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި މައްސަލަ ބަަލއިގަތުމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން ފަސް މެންބަރުންނެވެ. ނުފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވިއެވެ.