ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ އިސްތިއުނާފު ކޮމިޓީ އެކުލަވާލައި، އެ ކޮމިޓީއަށް ފަސް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ދާދިފަހުން އަމަލު ކުރަން ފަށާފައިވާ ފުލުހުންގެ އާ ގާނޫނު ބުނާ ގޮތުން އިސްތިއުނާފު ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ލިބޭނީ ހޯމް މިނިސްޓަރަށެވެ. އެހެންކަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ އިސްތިއުނާފު ކޮމިޓީއަށް ފަސް މެންބަރުން އައްޔަން ކުރައްވާފަ އެވެ.
އެގޮތުން އިސްތިއުނާފު ކޮމިޓީއަށް އައްޔަން ކުރެއްވި ފަސް މެންބަރުންނަކީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ސޯދިގު، އަޒްމީން ރަޝީދު، ޗަނބޭލީވިލާ / ގދ. ރަތަފަންދޫ، ފާތިމަތު ލީނާ، މ. ސަލްޖަމްގެ، މިންނާ ނާފިޒް، މ. ލިލީސްގެ އިތުރުން އަހްމަދު ޝިހާދު، ބްލެސް / ހއ. ހޯރަފުށި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ރައީސް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އެ ހިދުމަތާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެ އެވެ.
މި ގާނޫނުގެ ދަށުން އިސްތިއުނާފު ކޮމިޓީއެއް އެކުލަވާލައި މެންބަރުން އައްޔަން ކޮށްފައިވާއިރު، ފުލުހުންގެ ބޯޑުވެސް އެކުލަވައިލުމަށް މި ގާނޫނުގައި ވަނީ ބުނެފަ އެވެ. އެހެން ކަމުން މިހާރު ފުލުހުންގެ ބޯޑު އެކުލަވާލައި އެ ބޯޑަށް މެންބަރުންވެސް ވަނީ އައްޔަން ކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު