ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ނިންމަވައިފިއެވެ.
އެކަން ހާމަކުރައްވައި މިނިސްޓަރު މަހުލޫފު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
މަހުލޫފު ވަނީ އެމްޑީޕީގެ އެ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން އޭނާއަށް ތާއީދުކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 29 ވަނަ ދުވަހު ބާއްވަން އެޕާޓީން ވަނީ ނިންމައިފައެވެ.
އެ އިންތިހާބުގައި ވާދަކުރެއްވުމަށް މަހުލޫފު ނިންމަވާފައިވާ އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް އެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް އެމްޑީޕީން ވަނީ ފާސްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ ބޭންކް އަކައުންޓުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމުގެ ސަބަބުން ޔޫތު މިނިސްޓަރު މަހުލޫފު ވަނީ މީގެ ކުރިން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް އޭސީސީން ނިންމުމުން، މަސައްކަތަށް ނުކުންނެވުމަށް މަހުލޫފަށް ވަނީ އަންގަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު